ސަރުކާރުން ކާޑުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުން ހާމަކޮށް ނެރޭ ނޫސްބަޔާން
ސަރުކާރުން ކާޑުގެ ބާވަތްތަކުން ސަބްސިޑީ ކަނޑާލުމާ ގުޅިގެން ހަނޑޫ،ހަކުރު އަދި ފުށުގެ އަގުތައް ދެގުނައަށް އުފުލިގެން ދިއުމާއެކު ދިވެހި ރައްޔތުންނަށް ވަނީ ނުހަނު ބޮޑު ނުތަނަވަސް ކަމަކާ ކުރިމަތިލާން ޖެހިފައެވެ. ކުއްލިއަކަށް ގެނެވުނު މިބަދަލަކީ އޭގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ނުހަނު ނޭދެވޭ އަސަރު ކުރާނޭ ކަމެއްކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.
ކަރަންޓްގެ އަގު ބޮޑު ކުރިތާ، މާ ގިނަ ދުވަސްތަކެއް ނުވަނީސް މީންޒަމާނެއްގައިވެސް ބޮޑުނުވާވަރަށް ކާޑުގެ އަގު މަތިވެގެން ދިއުމަކީ އައްޑޫގެ ރައްޔިތުން ނުހަނު ކަންބޮޑުވެފައިވާ ކަމެކެވެ. އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އައްޑޫ ސިޓީއަށް ކަމަށްވާތީއެވެ. ރާއްޖޭގެ އެހެން ހުރިހާ ހިސާބަކަށް ވުރެ ކާޑުގެ ބާވަތްތައް ލިބޭ އަގު އައްޑޫސިޓީގައި ވަނީ ބޮޑުވެފައެވެ. ގިނަ ރައްޔިތުންނަކީ ލިބޭ މަދު މުސާރަ ކޮޅުން ދިރިއުޅުމުގެ ޚަރުދުތައް ދެކޮޅު ޖެއްސޭ ބައެއް ނޫނެވެ. މިފަދަ ގޮތަކަށް އަސާސީ ބާވަތްތަކުގެ އަގުތައް އުފުލިގެން ދިއުމުން ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިވެގެން ދާނެކަން ކަށަވެރެވެ. ވަޒީފާގެ ބާޒާރެއްނެތް، މިފަދަ އާމްދަނީގެ ވަސީލާތްތައް މަދު ތަނެއްގައި އެތަކެއް ޤުރުބާނީއެއްވެގެން ޒަރޫރީ ބޭނުންތަކަށް ކޮންމެ މަހަކު އެއްކުރަން ލިބޭ ފައިސާ މަދުވެ ފުދުންތެރިކަން ދަށްވެގެން ދިއުމަކީ، އައްޑޫސިޓީގެ އިޤްތިސާދު ހަލާކުވެގެންދާ ވަރުގެ ކަމެކެވެ.
ކަންމިހެން ހުރުމާ އެކު ކާޑުގެ ބާވްތަތަކުގެ އަގަށް ސަރުކާރުން މިގެންނެވި ބަދަލާ މެދު އަލުން ރިޔާއަތް ކޮށް އަގުތަކަށް ހެޔޮ ބަދަލެއް ގެނެސް ދެއްވުމަށާއި ރައްޔިތުންނަށް ނިކަމެތިކަން ނާންނާނެ ފަދަ ގޮތަކަށް މިފަދަ ޒަރޫރީ ކަންކަން ނިންމެވުމަށް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ދިވެހި ސަރުކާރަށް އިލްތިމާސްކޮށް މިނޫސް ބަޔާން ނެރުނީމެވެ.