އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ފޭދޫ އަވަށު އޮފީހުން އޮޅުވާލައިގެން ލިޔުންތަކެއް ދޫކޮށްފިކަމަށް ބުނެ "ވަގުތު" ނޫހުން ފަތުރާފައިވާ ޚަބަރާއި ގުޅޭގޮތުން ނެރޭ ނޫސް ބަޔާން
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ފެދޫ އަވަށު އޮފީހުން އޮޅުވާލައިގެން ސައްހަނޫން މަޢުލޫމާތުތަކެއް ހިމަނޭ ލިޔުންތަކެއް "ވަގުތު" މީޑިއާ އަށް ދިންކަމަށް ބުނެ 19 ޑިސެމްބަރު 2020 ގައި "ވަގުތު" އިން ފަތުރާފައިވާ ޚަބަރާއި ގުޅޭގޮތުން ދަންނަވަމެވެ. ސައްހަނޫން ލިޔެކިޔުންތަކެއް ދިންކަމަށް "ވަގުތު" އޮންލައިން ފާހަގަކޮށްފައިވާ ކަމަކީ ދިވެހި ރައްޔިތަކު އައްޑޫ ސިޓީ ފޭދޫގައި ދިރިއުޅޭތާ 06 (ހައެއް) މަސް ދުވަސް ވެފައިވާކަމުގެ ލިޔުމަކާއި ގުޅޭ މައްސަލައެކެވެ. އެގިވަޑައިގަންނަވާނޭ ފަދައިން ޤާނޫނު އަސާސީގެ 41 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ދިވެހިރާއްޖޭގައި އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ. އަދި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ. މިޙައްޤުތަކާއި މިނިވަންކަން ފުޅާ ދާއިރާއެއްގައި ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައި އޮތުމުން އެހެން ރަށްތަކުގެ ރައްޔިތުން ވެސް އައްޑޫގައި ދިރިއުޅެމުންގެންދެއެވެ. މީހަކު އައްޑޫގައި ދިރިއުޅެމުން ގެންދާކަމުގެ ލިޔުމެއް ހޯދުމަށް އެދެފިނަމަ މިއިދާރާއިން ޢަމަލުކުރަމުން ގެންދާގޮތަކީ އެމީހަކު އައްޑޫގައި ވަކި ދުވަހެއް ވަންދެން ދިރިއުޅެމުންގެންދާކަން އެގޭނެ ދެފަރާތެއްގެ ބަސް ލިޔުމުން ހޯދުމަށް ފަހު އެފަރާތްތަކުން ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް އަވަށު އޮފީހުން އެފަދަ ލިޔުން ދޫކުރަނީއެވެ. "ވަގުތު" އިން ފާހަގަކޮށްފައިވާ މައްސަލާގައި ވެސް ފޭދޫ އަވަށު އޮފީހުން ޢަމަލުކޮށްފައިވަނީ މިގޮތުގެމަތިންނެވެ.
އެހެންކަމުން ފޭދޫ އަވަށު އޮފީހުން ބަޔަކަށް ނާޖައިޒު މަންފާއެއް ނުވަތަ ފައިދާއެއް ހޯދުމަށް ލިޔުންތަކެއް ތައްޔާރުކޮށް ސައްހަނޫން މަޢުލޫމާތު ދީފައިވާކަމަށް "ވަގުތު" އިން ބުނެފައިވާ ބުނުމަކީ ޙަޤީޤަތާއި ޚިލާފު ވާހަކައެކެވެ. "ވަގުތު" އިން 19 ޑިސެމްބަރު 2020 ގައި ޚަބަރު ގެނެސްދިން އިރު ކައުންސިލްގެ އިދާރާގެ ބަހެއް ހޯދާފައި ނުވުމަކީ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެކެވެ.
20 ޑިސެމްބަރު 2020