އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނޫސްބަޔާން: އައްޑޫ އިން ގޯތި ދޫކުރުމަށް ކުރާ މަސައްކަތާއި ގުޅިގެން އާއްމު ރައްޔިތުންގެ ސަމާލުކަމަށް ކައުންސިލުން ނެރޭ ނޫސްބަޔާން

29 އޮކްޓޯބަރ 2018     5 years ago


އައްޑޫ އިން ގޯތި ދޫކުރުމަށް ކުރާ މަސައްކަތާއި ގުޅިގެން އާއްމު ރައްޔިތުންގެ ސަމާލުކަމަށް ކައުންސިލުން ނެރޭ ނޫސްބަޔާން

 

އައްޑޫއިން ކުލީބިމާއި، 400 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު، ރިޔާސީ އިންތީޚާބު ބޯމަތިވެފައި އޮތްވައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުޅުވާލުމުން އެކަމަކީ ހެޔޮނިޔަތުގައި ކުރިކަމަކަށްވުރެ ބޮޑަށް ބެލެވުނީ އެކަމަކީ ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށް ކުރި ކަމެއްގެ ގޮތުގައެވެ. އެހެންކަމުން އައްޑޫގެ ގިނަ ރައްޔިތުން މިއިދާރާއަށް އެކަމުގެ ޝަކުވާ އުފުލަން ފެށިއެވެ.

އައްޑޫ އިން ބިންތައް ދޫކުރުމަށް މަސައްކަތްކުރަމުންގެންދަނީ ރިޔާސީ އިންތިޚާބު 2018 ގައި ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އަށް ކެމްޕެއިންކޮށްދެއްވި ފަރާތްތަކަކަށް ބިން ދިނުމުގެ މަގުޞަދުގައި ކަމަށްބުނެ ގިނަޢަދަދެއްގެ ރައްޔިތުން ތުހުމަތު ކުރަމުންދާތީއާއި، މި ގޯތިތަކާއި ބިންތައް ދޫކުރުމަށް މަސައްކަތްކުރަމުންދަނީ އައްޑޫގެ ލޭންޑްޔޫސް ޕްލޭނާއި ޚިލާފަށްކަމަށް ތުހުމަތު ކުރެވޭތީއާއި، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސްގެ ފަރާތުން މިފަދަ ކަންކަން މަޑުޖައްސާލުމަށް އަންގަވާފައިވަނިކޮށް އަވަސްއަރުވާލައިގެން މިފަދަކަމެއް ކުރަން އުޅުމަކީ ވަކިފަރާތަކަށް ނަޖާއިޒް މަންފާއެއް ހޯދައި ދިނުމުގެ މަޤްޞަދުގައި ކުރެވޭކަމެއްކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންދާތީ، ރައްޔިތުންނާއި ގުޅުންހުރި މިބާވަތުގެ ކަމެއް ކުރިއަށް ގެންދަވަނީ ކޮން އުސޫލަކުން ކޮންގޮތަކަށްކަން އޮޅުންފިލުވާލުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ކައުންސިލްގެ ފަރާތުން ވާނީ ދަންނަވާފައެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް އެކަމުގެ ޖަވާބެއް އެމިނިސްޓްރީން ދެއްވާފައެއް ނުވެއެވެ.

އައްޑޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުމާއި ގެދޮރުގެ ފަސޭހަކަން ލިބުމަކީ، މި ކައުންސިލުން އަބަދުވެސް އެދޭނެ ކަންކަމެވެ. އެހެންނަމަވެސް ރައްޔިތުންނާއި ގުޅުންހުރި މިބާވަތުގެ ބޮޑެތި ކަންކަމުގައި ކަރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން އެއްވެސް ފަރާތަކުން ކުރުމަކީ މި ކައުންސިލް ތަރުހީބުދޭނެ ކަމެއް ނޫނެވެ. އައްޑޫ އިން ބިންތައް ދޫކުރަން ނިންމާފައިވަނީ އައްޑޫގެ ލޭންޑްޔޫސް ޕްލޭނާއި ޚިލާފަށްކަމަށްވާތީ، މިމަސައްކަތް ހުއްޓުވުން އެދި އައްޑޫސިޓީ ކައުންސިލުންވަނީ ކަމާއި ބެހޭ މުއައްސަސާތަކުގައި ދަންނަވާފައެވެ.  

މީގެ އިތުރުން ޤާނޫނާއި ޚިލާފަށް 400 ގޯއްޗާއި، އަދި ބިންތަކެއް ކުއްޔަށް ދޫކުރުމަށް  ހައުސިންގ މިނިސްޓްރީން މަސައްކަތް ކުރަމުންދާތީ، މިކަން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދި ހިތަދޫ މެޖިސްޓްރޭޓު ކޯޓަށް މި ކައުންސިލުން ވަނީ މައްސަލައެއް ހުށަހަޅާފައެވެ.

އައު ސަރުކާރުގެ އައްޑޫ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބޭނެމަގު ތަނަވަސްކޮށްދެއްވުމަކީ އައު ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އައްޑުއަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި، ދައުލަތަށް ނަގާފަހުރި އާއްމުންގެ ގޯތިތަކުގެ ބަދަލުގައި، ގޯތި ފުރަތަމަ އަހަރުތެރޭ ހަވާލު ކުރުމާއި، މި ގޮތަށް ހަވާލު ކުރެވޭ ގޯތިތަކުގެ ވަށާހުރި މަގުތައް ހަދައި ގޯތީގެ ބޭނުން ހިފޭގޮތްހަދައި ދިނުން ހިމެނެއެވެ. އަދި އަމިއްލަ ގެދޮރުނެތް ފަރާތްތަކަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމާއި، ގެދޮރުބިނާކުރުމަށް ލުއިފަސޭހަ ލޯނުގެ އެހީ ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ރިއަލް އެސްޓޭޓް ވިޔަފާރީގެ ޝައުގުވެރިކަން އުފައްދައި، ރައްޔިތުންނަށް އެކި ފަންތީގެ ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ހޯދައިދިނުންވެސް ހިމެނެއެވެ.

މި ފުރުސަތުގައި އައްޑޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުން މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން އަރުވަމެވެ.

އެހެންކަމުން ގޯއްޗަށް އެދި ފޯމް ނަންގަވާފައިވާ އެންމެހާ ރައްޔިތުންގެ ސަމާލުކަމަށް މި މައުލޫމާތު ހާމަކޮށް މި ނޫސް ބަޔާން ނެރުނީމެވެ.



ބާވަތް: ނޫސްބަޔާން

ނަންބަރ: 03/2018

ޕަބްލިޝް ކުރި ތާރީޚް: 29-10-2018