އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ހުޅުދޫ އާއި މީދޫ އަވަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

29 އޯގަސްޓް 2019     4 years ago


އިޢުލާން

 

އައްޑޫ ސިޓީ ހުޅުދޫ އަވަށާއި މީދޫ އަވަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތިދޫކުރުމަށް ކުރެވުނު ނަންބަރު:(IUL)426-AB/426/2019/255 އިޢުލާނުގައިވާ މަޢުލޫމާތުތަކަށް ބަދަލު އައިސްފައިވާތީއާއި، އިޢުލާނުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ރައްޔިތުން އެދެމުންދާތީ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް އަލުން އިޢުލާންކުރީމެވެ.

  

އައްޑޫ ސިޓީ ހުޅުދޫ އަވަށާއި މީދޫ އަވަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތިދޫކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިފަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ:-  

އަވަށް

އަކަފޫޓް

ގޯތީގެ އަދަދު

ހުޅުދޫ

2000

50

މީދޫ

2000

50

 

 

 ގޯތި ދޫކުރެވޭނީ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

 

ގޯއްޗަށް އެދި ހުށަހަޅާ ފޯމު 29 ޖުލައި 2019 އިން ފެށިގެން މި މިއިދާރާ އާއި އަވަށު އޮފީސްތަކުން ލިބެން ހުންނާނެއެވެ.

 

 ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް

 

  1. ދިވެހިރައްޔިތަކު ކަމުގައިވުން.
  2. އުމުރުން 18 އަހަރުވެފައިވުން.
  3. ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން.
  4. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބަޔެއް، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން.
  5. ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.
  6. އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

ގޯތި ލިބޭ ގޮތް :

  • ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ.
  1. ގޯއްޗަށްއެދި ފޯމް ހުށަހަޅާފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ އެންމެހާފަރާތްތަކަށް މި އިޢުލާނުގައި ބަޔާންކުރެވިފައި އެވާގޮތުގެ މަތިން ހަމަހަމަ ފުރުޞަތު ކަށަވަރު ކޮށްދެވޭނެއެވެ.   
  2. ގޯތިލިބޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓްލިބިފައިވާ ގިނަ  ފަރާތްތައް ތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
  3. މީގެ އިތުރުން ރަށުގެ ޙާލަތަށް ރައްޔިތުންގެ ދިރުއުޅުމުގެ ހާލަތަށް ބަލައި، ޕޮއިންޓްދިނުމުގެ އުޞޫލަށް

     ބަދަލު ގެނައުމުގެ އިޚްތިޔާރު އައްޑޫސިޓީ ކައުންސިލަށް ލިބިގެންވެއެވެ.

ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދެވޭ ގޮތް:

1. ކައިވެނީގެ ބައި :

(ހ) މީހަކާ އިނދެގެންހުރިނަމަ      20 ޕޮއިންޓް

(ށ) ކުރިން މީހަކާއިނދެ، ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ތިބިނަމަ     15 ޕޮއިންޓް

(ނ) ކައިވެންޏަށް 1 (އެކެއް) އަހަރު ވެފައިވާނަމަ އަހަރަކަށް     01 ޕޮއިންޓް

(މިގޮތަށް ގިނަވެގެން ދެވޭނީ 6 ޕޮއިންޓެވެ.)

           ނޯޓް: ނަމްބަރ 01 ގައިވާ ކައިވެނި ރޫޅިފައިކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާނުކުރުމުގެ ކުރިން

           ކައިވެނި ރޫޅިފައި ވާނަމައެވެ.

 

2. ޢުމުރުގެ ބައި :

(ހ) ޢުމުރުން 18 - 25 އަހަރާ ދެމެދު ނަމަ     05 ޕޮއިންޓް

(ށ) ޢުމުރުން 26 އަހަރުން މަތިނަމަ (ގިނަވެގެން ދެވޭނީ 07 ޕޮއިންޓް)     07 ޕޮއިންޓް

 

3. ދަރިންގެ ބައި:

(ހ) 18 އަހަރުން ދަށުގެ ދަރިއަކުހުރިނަމަ     05 ޕޮއިންޓް

(ށ) 18 އަހަރުންދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިންތިބިނަމަ ކޮންމެ ކުއްޖަކަށް     04 ޕޮއިންޓް

     (މިބަޔަށްގިނަވެގެން ދެވޭނީ 16 ޕޮއިންޓް)     

(ނ) ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ ކުއްޖަކުހުރިނަމަ      03 ޕޮއިންޓް

(ރ) ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ  1 ކުއްޖަކަށްވުރެ

   ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (ގިނަވެގެން ދެވޭނީ 08 ޕޮއިންޓް)     04 ޕޮއިންޓް

 

4- މައިންބަފައިންގެ ބައި :

(ހ) މަންމަ ބަލަމުންގެންދާނަމަ     03 ޕޮއިންޓް

(ށ) ބައްޕަ ބަލަމުންގެންދާނަމަ     03 ޕޮއިންޓް

(ނ) މައިންބަފައިންނާއި ދަރިންފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކުބަލަމުންގެންދާނަމަ     03 ޕޮއިންޓް

     (މި ބައިން ޕޮއިންޓް ދެވޭނީ މައިންބަފައިންނާއި ދަރިންފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ

      މީހަކުގެ ގޯއްޗެއް ނެތި އެމީހުން ކައިރީގާ ބަހައްޓައިގެން ބަލަމުންގެންދާނަމައެވެ.)

 

 

5- ރަށްވެހިކަމުގެ ބައި : 

(ހ) ރަށުގެ ރަށްވެއްސެއްނަމަ     20 ޕޮއިންޓް

(ށ) ރަށްވެހި ނުވެ ރަށުގައި ދިރިއުޅޭ ފަރާތްތައް     10 ޕޮއިންޓް

(ނ) ކުރިން ރަށްވެހިވެފައިވާ ރަށްދޫކޮށް އައްޑޫސިޓީގައި ރަށްވެހިވެފައިވާތާ 5 އަހަރުވެފައިވާނަމަ     15 ޕޮއިންޓް

 

އިތުރު ތަފްޞީލް :

  • މިބައިން މާކްސް ދޭއިރު މަންމަ ދަރިން ބަލަމުން ގެންދިޔަ ނަމަވެސް ދަރިންގެ ބައްޕަ ދަރިންނަށް ޚަރަދު ކުރަމުންދާކަމުގެ ޝަރުއީ ލިޔުން ދަރިންގެ ބައްޕަ ގޯއްޗަށް އެދި ހުށަހަޅާއިރު ހުށަހަޅައިފިނަމަ، މިބައިން އެ ދެފަރާތަށްވެސް ޕޮއިންޓް ލިބޭނެއެވެ. އަދި ކައިވެނީގެ މުއްދަތަށް ޕޮއިންޓް ދެވޭނީ، ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާ ކައިވެނީގެ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ.
  • ނަމްބަރ 02 ގައިވާ ޢުމުރުގެ ބައި ބަލާނި ގޯތި ދޫކުރުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚާ ހަމައަށެވެ. އަދި މިބައިން ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ އެފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީއަށް ބަލައިގެންނެވެ.

 

  • ނަމްބަރ 03  ގެ (ށ) ގައިވާ ދަރިންގެ ޢަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބިކަމުގައިވިޔަސް ދެވޭނި ޖުމަލަ 16 ޕޮއިންޓެވެ. މިބައިން ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާ ދަރިންގެ އުފަންދުވަސް ސެޓްފިކެޓްތަކުގެ ކޮޕީއަށް ބަލައިގެންނެވެ. އަދި ދާއިމީ ގޮތެއްގައި ޚާއްސަ އެހީއަށް ބޭނުންޖެހިފައިވާ ކުދިންނަށް ޕޮއިންޓް ދެވޭނީ، އެ ކުދިންގެ އުފަންދުވަސް ސެޓްފިކެޓް އަދި އެކުދިންނަކީ ޚާއްސަ އެހީއަށް ބޭނުންޖެހިފައިވާ ކުދިންކަން އަންގައިދޭ ޑޮކްޓަރުގެ ލިޔުމެއް ހުށަހަޅާފައިވާނަމައެވެ.

 

  • ނަމްބަރ 04 ގައިވާ މައިންބަފައިން ބަލަމުންގެންދާތީ ލިބޭޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތިނެތި މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާނަމައެވެ. އަދި މި ބައިގެ މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާނަމަ، ޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާކަމުގެ ލިޔުމެއް އެފަރާތުން ހުށަހަޅާފައިވާނަމައެވެ. 

 

  • ނަމްބަރ 04 ގެ (ނ) ގައިވާ ފަދަ ޝަރުޢީ ގޮތުން ބަލަންޖެހޭ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ އެ މީހަކީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭފަދަ މީހަކަށްވެފައި އެ މިހެއްގެ ގޯއްޗެއް ނެތި އެމީހުން ކައިރީގަ ބަހައްޓައިގެން ބަލަމުންގެންދާނަމައެވެ. އަދި ޝަރުޢީ ގޮތުން ބަލަންޖެހޭ އެހެން މީހެއް ބަލަމުން ގެންދާނަމަ، ޕޮއިންޓް ލިބޭނީ އެފަރާތެއް ބަލަމުންގެންދާކަމުގެ ޝަރުޢީ ލިޔުމެއް ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާނަމައެވެ.

 

  • ނަންބަރު 05 ގެ (ށ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތަކީ އެރަށުގައި ރަށްވެހިނުވެ ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް އެފަރާތުން ހުށަހަޅާފައިވާނަމައެވެ.
  • ނަންބަރު 05 ގެ (ނ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން އެރަށުގައި ދިރިއުޅޭތާ 05 އަހަރުވެފައިވާކަން އަންގައިދޭ ރަސްމީ ލިޔުމެއް އެފަރާތުން ހުށަހަޅާފައިވާނަމައެވެ.

 

  • ގޯއްޗަށް އެދިފައިވާ ފަރާތުގެ އަނބި ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބި އެ ގޯތި ދަޢުލަތަށް ދޫކޮށްލުމަށް އެއްބަސްވާނަމަ، އެކަމައިގުޅޭ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
  • ގޯއްޗަށްއެދި ފޯމްހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯއްޗަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚާ ހަމައަށެވެ.

 މިގޮތުން ގޯއްޗަށް އެދި ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަކޮށް، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތައް  12 ސެޕްޓެމްބަރ 2019ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާ އަށް ނުވަތަ ހުޅުދޫ އަވަށު އޮފީހަށް ނުވަތަ މީދޫ އަވަށު އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.  

 

 "އައްޑޫސިޓީގެ ހުޅުދޫ އަވަށް ނުވަތަ މީދޫ އަވަށުން ގޯއްޗަށް އެދި ހުށަހެޅުމަށް އެދޭ ފޯމު" މިއިދާރާ އާއި އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމު މިއިދާރާގެ ވެބްސައިޓު www.adducity.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  

 

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003، ހުޅުދޫ އަވަށު އޮފީހުގެ ނަންބަރު:6894728 އަދި މީދޫ އަވަށު އޮފީހުގެ ނަންބަރު: 6895730 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

  

28 ޛުލްޙިއްޖާ 1440

29 އޮގަސްޓް 2019

 

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2019/306

ޕަބްލިޝް ކުރި ތާރީޚް: 29-08-2019

ސުންގަޑި: 2019-09-12 14:00:00