އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނޫސްބަޔާން: އައްޑޫލައިވް އިން އެދިފައިވާ މަޢުލޫމާތުތަކާއި ގުލިގެން ނެރޭ ނޫސްބަޔާން

21 ޖެނުއަރީ 2020     4 years ago


ނޫސްބަޔާން

އައްޑޫލައިވް އިން އެދިފައިވާ މަޢުލޫމާތުތައް އައްޑޫ ސިޓީ ކައުންސިލުން ވަނީ ފޯރުކޮށްދީފައި އަދި ނުދެވި ހުރި ފޯމުތަކަށް ޖަވާބު ދިނުމަށްދަނީ މަސައްކަތްކުރަމުން

ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތު ހޯދުމަށް 16 ފޯމެއް އައްޑޫލައިވްގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހަޅާފައިވެއެވެ. މި ފޯމުތަކުން ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ ދިރާސާކޮށްގެން އެކަމަށް އެތަކެއް ވަގުތުތަކެއް ހޭދަކޮށް ދެވެންހުރި މަޢުލޫމާތުތަށް ކަމުގައިވާތީ 16 ފޯމުގެ ތެރެއިން 3 ފޯމެއް ފިޔަވައި ދެންހުރި ފޯމުތަކަށް ޖަވާބުދިނުމަށް އިތުރަށް 14 (ސާދަ) ދުވަސް ބޭނުންވާކަން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން އައްޑޫލައިވްއަށް އަންގާފައިވެއެވެ. މަޢުލޫމާތު ދިނުމަށް 14 (ސާދަ) ދުވަސް އިތުރުކޮށްފައިވަނީ ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން އައްޑޫ ސިޓީ ކައުންސިލަށް ލިބިގެންވާ ހައްޤުގެ ދާއިރާގެ ތެރެއިންނެވެ. އައްޑޫލައިވް އިން ހުށަހެޅި 3 ފޯމަކަށް މިއިދާރާއިން ޖަވާބު ދެއްވާފައިވާނެއެވެ. އެގޮތުން ކައުންސިލުން މި ހިނގަމުންދާ ދައުރުގައި ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން ގާއްގަޑަކަށް 800 (އަށްސަތޭކަ) އެއްހާ ނިންމުންތައް ބަލައި ދިރާސާކުރުމަށް ޤާނޫނުގައިވާ ގޮތުގެމަތިން އައްޑޫލައިވް އަށް ފުރުޞަތުދެވި، މި ފުރުޞަތުގެ ބޭނުން އައްޑޫލައިވް އިން މިހާތަނަށް ހިފާފައިނުވެއެވެ.

މީގެ އިތުރުން، ކައުންސިލްގެ މުވައްޒަފަކާއި ހަވާލާދީކަމަށް ބުނެ ކައުންސިލްގައި ޔައުމިއްޔާތައް ނެތްކަމަށް އައްޑޫލައިވްގައި ލިޔެފައިވާ ލިޔުމަކީ ޙަޤީޤަތާއި ޚިލާފުވާހަކައެކެވެ. އައްޑޫލައިވް އިން މަޢުލޫމާތު ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި 2011 އިން ފެށިގެން ހުރި ކައުންސިލްގެ ޔައުމިއްޔާތަކާއި ލިޔެކިޔުން ހިމެނެއެވެ. މި ލިޔެކިޔުންތަކަކީ އެތަކެއް ހާސް ލިޔެކިޔުންތަކެއް ކަމުގައިވާތީ މިހުރިހާ ލިޔެކިޔުންތައް ހޯދައި އެފަރާތަށް ދިނުމާއިމެދު ގޮތެއް ނިންމުމަށް ޤާނޫނުގައިވާ ގޮތުގެމަތިން އިތުރު މުއްދަތެއް ހޯދުމުގެ ޙައްޤު ކައުންސިލަށް ލިބިގެންވެއެވެ. އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަކީ ރައްޔިތުންނަށް އެތަކެއް ހިދުމަތެއް ދެމުންގެންދާ ރައްޔިތުންނާ ގުޅުންހުރި އެތަކެއް މަސައްކަތެއް ކުރަމުންދާ އިދާރާއެއް ކަމުގައި ވީހިނދު މިހުރިހާ ކަންކަން މަޑުޖައްސާލާފައި "ވަގުތުން ވަގުތަށް" އައްޑޫލައިވް އިން ހުށަހަޅާފައިވާ މަޢުލޫމާތު ހޯދާންއެދޭ ފޯމުތަކަށް ޖަވާބުދިނުމަށް ޤާނޫނީގޮތުން ތަނެއް ނުދެއެވެ.

ކަންމިހެންހުރި ހިނދު، މަޢުލޫމާތު ނުދިންކަމަށް ބުނެ ކަމުގެ ހަޤީޤަތް އޮޅޭގޮތަށް އައްޑޫލައިވް އިން ޚަބަރު ފަތުރާފައިވާތީ އައްޑޫ ސިޓީ ކައުންސިލުން މިކަމާއި ނުހަނު ކަންބޮޑުވެ ހިތާމާކުރަމެވެ.



ބާވަތް: ނޫސްބަޔާން

ނަންބަރ: 01/2020

ޕަބްލިޝް ކުރި ތާރީޚް: 21-01-2020