އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އަންގާ އެންގުންތައް

30 އެޕްރީލް 2020     1 month ago


އިޢުލާން

ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އަންގާ އެންގުންތައް

03 ފަރާތަށްވުރެ ގިނަ ފަރާތްތައް އެއްވެއުޅުން މަނާކުރުން:

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ޚާއްސަ ފިޔަވަޅުތައް އެޅުމަށް އެޗް.ޕީ.އޭ ގެ 2020/36 ވަނީ އަންގަވާފައެވެ. އެގޮތުން އަމިއްލަ  ތަންތަނާއި އާންމު ތަންތަނުގައި 3 ފަރާތަށްވުރެ ގިނަ މީހުން އެއްވެ އުޅުމަކީ މަނާކަމެއް ކަމުގައި  ދަންނަވަމެވެ. މިގޮތުން ޕާރކްތަކާއި ފިނިމައިޒާންތަކާއި ޖޯލިފަތިތަކުގައި ތިބޭ ފަރާތްތަކާމެދު ފިޔަވަޅުއެޅޭނެ ވާހަކަ ދަންނަވަމެވެ. މިފަދަ ފިޔަވަޅުތަކަކީ އެންމެންގެ ރައްކާތެރި ކަމަށްޓަކައި އެޅޭ މުހިއްމު ފިޔަވަޅުތަކަކަށްވާތީ، މިގޮތުގެ މަތިން ޢަމަލުކުރުމުގައި އިހުމާލު ނުވުމަށް ދަންނަވަމެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި ޖަމާޢަތްހެދުން މަނާކުރުން:

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާ މިދަނޑިވަޅުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އައްޑޫސިޓީގެ މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ނަންބަރު 142-C1/CIR/2020/31  ސަރކިއުލަރ (19 އޭޕްރީލް 2020) އިން މަނާކުރެވިފައެވެ. އެހެންކަމުން ރައްކާތެރިކަމުގެ މިފިޔަވަޅާ އެއްގޮތަށް ހުރިހާ ބޭފުޅުންވެސް ގޭގައި ނަމާދުކުރެއްވުމަށް އިލްތިމާސްކުރަމެވެ. އަދި މިސްކިތްތަކުގައި ބަންގި ގޮވުމަށްފަހު މިސްކިތްތައް ހުންނާނީ ބަންދުކުރެވިފައިކަންވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ހަވީރު ފިންޏަށް ދުއްވަން ނިކުމެ އުޅުމާއިގުޅޭ:

ރަމަޟާން މަހަކީ އާންމު ގޮތެއްގައި ގިނަ ބަޔަކު ހަވީރު ގަޑީގައި ހަވީރު ފިންޏަށް ދުއްވުމަށް ނިކުމެ އުޅޭ މައްސަރެކެވެ. މިދުވަސްވަރަކީ ކޮވިޑް-19 މުޅި ރާއްޖެއަށް ފެތުރެމުންދާ ދަނޑިވަޅަކަށްވާތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތައް ވަނީ އެޅިފައެވެ. މިގޮތަށް ގިނަ ބަޔަކު މަގުމައްޗަށް ނިކުމެ އުޅުމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ޚިލާފު ކަމައް ކަމަށްވާތީ، ހަވީރު ގަޑީގައިއާއި އެހެން ގަޑިތަކުގައި ޟަރޫރީ ބޭނުމެއް ނެތި ދުއްވަން ނިކުތުމަކީ މަނާ ކަމަކެވެ.

އައްޑޫސިޓީގެ އެއްއަވަށުން އަނެއް އަވަށަށް ދަތުރުކުރުމާއި ގުޅޭ:

އައްޑޫސިޓީގައި ކޮވިޑް-19 އާންމުކޮށް ފެތުރުން ހުއްޓުވުމަށްޓަކައި އައްޑޫސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދިއުން އައްޑޫ ސިޓީ ކައުންސިލުން ވަނީ އެޗް.ޕީ.އޭ އިން އިޢުލާންކޮށްފައިވާ ގޮތަށް މަނާކޮށްފަ އެވެ. އެއް އަވަށުން އަނެއް އަވަށަށް ދިއުން މަނާވެފައި އޮތްނަމަވެސް، މަހަށް ފުރުމާއި، ދަނޑުގޮވާމަށް ދިއުމާއި، މުދަލާއި ގޮވާމުގެ ބާވަތް އެއް އަވަށުން އަނެއް އަވަށަށް ފޮނުވުމާއި، ޞިއްޙީ ފަރުވާއަށް އެއް އަވަށުން އަނެއް އަވަށަށް ހުއްދަ ހޯދައިގެން ދެވޭނެއެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު އައްޑޫ އީ.އޯ.ސީ އަދި އެސް.އެސް.ޑީތަކުން ލިބިވަޑައިގަންނަވާނެއެވެ.

އައްޑޫސިޓީގައި މީހުން އެއްވެ އުޅޭ ބައެއް ސަރަޙައްދުތަކުގައި ހުރި ޖޯލިފަތިތައް ނެގުމާއިގުޅޭ:

 އައްޑޫސިޓީގެ އެކިއެކި ތަންތަނުގައި ބަހައްޓާފައި ހުރި ޖޯލިފަތިތަކަށް މީހުން އެއްވަމުންދާކަން ފާހަގަ ކުރެވެއެވެ. ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ނުރައްކަލުން އަރައިގަތުމަށްޓަކައި އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަކީ ޞިއްޙީ މާހިރުން ފާހަގަކުރައްވާ މުހިންމު އެއް ކަމެވެ. ޖޯލިފަތިތަކާއި ފިނިމައިޒާން ފަދަ ތަންތަނަށް އެއްވެ އުޅުމަކީ މިފަދަ ޙާލަތެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެންކަމުން ފިނިމައިޒާންތަކާއި ޕާކުތަކުގައި ބެހެއްޓިފައިވާ ޖޯލިފަތިތައް ފިޔަވައި އައްޑޫސިޓީގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ޖޯލިފަތިތައް، 2020 އޭޕްރީލް 30 ވަނަ ދުވަހުގެ 18:00ގެ ކުރިން ނެގުމަށް އެ ތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ. އެކި ތަންތަނުގައި ބަހައްޓާފައި ހުރި ޖޯލިފަތިތައް މި ތާރީޚުގެ ކުރިން ނުނަގާނަމަ، ކައުންސިލުން އެތަކެތި ނަގާނެ ވާހަކަ އާންމުކޮށް އަންގަމެވެ.

އެއްގެއިން އަނެއް ގެއަށް ބިދޭސީން ގެނެސް/ގެންގޮސް ނުހެދުމާއި ގުޅޭ:

އެއްގެއިން އަނެއް ގެއަށް މީހުން ދިއުމަކީ ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރުމަށް މަގުފަހިކުރުވާނެ ކަމެކެވެ. މިހާލަތުގައި ބިދޭސީން ލައްވައި އެކިބާވަތުގެ މަސައްކަތްތައް ކުރުވުމަށް ގޭގެއަށް ގެންދާކަންވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، އައްޑޫސިޓީގެ އާއްމުން ދިރިއުޅޭ ގޭގޭގައި އުޅެމުންދާ ބިދޭސީން ފިޔަވައި އެހެން ބިދޭސީން ގޭގެއަށް އެއްވެސް ބޭނުމަކު ގެނެސް/ގެންގޮސް ނުހެދުމަށް އެންމެހައި ފަރާތްތަކަށް އަންގައި އިލްތިމާސްކުރަމެވެ. އަދި ބިދޭސީން ދިރިއުޅޭ ތަންތަނުގެ މަޢުލޫމާތު އަވަށްތަކުގެ އެސް.އެސް.ޑީތަކުން ނަގާފައިވީ ނަމަވެސް ބިދޭސީން އުޅޭ ބައެއް ގެތައް އެނގެން ނެތްކަން ފާހަގަކުރެވިފައިވާތީ، ހުރިހާ އަވަށެއްގައިވެސް ބިދޭސީން އުޅޭ ގެތައް އަވަށުގެ އެސް.އެސް.ޑީގައި ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.

މި އެންގުންތަކާއި ޚިލާފުވާ ފަރާތްތައް ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ ގައިވާ ގޮތުގެ މަތިން، 500.00 ރުފިޔާ އާއި 5000.00 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

07 ރަމަޟާން 1441

30 އެޕްރީލް 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2020/154

ޕަބްލިޝް ކުރި ތާރީޚް: 30-04-2020

ސުންގަޑި: 2020-04-30 14:00:00