ޔުނިސެފްގެ އެހީތެރިކަމާއެކު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން ތައްޔާރުކުރާ "އައްޑޫއިންފޯ" ސޮފްޓްވެއަރ އަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާ ގުޅޭގޮތުން ކަމާގުޅުންހުރި މުޢައްސަސާތަކާއެކު މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގައި ކުރިއަށްދިޔަ މިމަޝްވަރާ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ހެލްތް، ޑިޕާރޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި އައްޑޫއިންފޯއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި، މުޢައްސަސާތައް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި މަޝްވަރާކުރެވުނެވެ.
އައްޑޫސިޓީގެ ތަފާސްހިސާބު އެއްކޮށް އެއިން އާބާދީއާއި ގުޅޭ މުހިންމު މަޢުލޫމާތުތައް ދެނެގަތުމަށް ތައްޔާރުކުރާ އައްޑޫއިންފޯ ބޭނުންކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ކައުންސިލްގެ މުވައްޒަފުންތަކަކަށް ފާއިތުވި އޮކްޓޯބަރުމަހު ވަނީ ބޭއްވިފައެވެ. މިތަމްރީނު ޕްރޮގްރާމް ނަންގަވައިދެއްވީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި ޔުނިސެފްގެ ފަރާތުންނެވެ.
އައްޑޫއިންފޯ ތައްޔާރުކޮށް ބޭނުންކުރަން ފެށުމާއެކު އައްޑޫގެ ތަރައްޤީއާއި ގުޅިފައިވާ މަސައްކަތްތައް ހިންގައި ރޭވުމުގައި އައްޑޫގެ ތަފާސްހިސާބުން އެއްކުރެވޭ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެފަދަ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.