އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އޮސްޓްރޭލިޔާގެ ހައި ކޮމިޝަނަރ އައްޑޫސިޓީއަށް ޒިޔާރަތްކުރައްވައިފި

22 ނޮވެމްބަރ 2017     3 weeks ago


އޮސްޓްރޭލިޔާގެ ހައި ކޮމިޝަނަރ އައްޑޫސިޓީއަށް ޒިޔާރަތްކުރައްވައިފި

އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ބްރައިސް ޑޭވިޑް ހަޗެސަން އައްޑޫސިޓީއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި މިއަދު އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. ހައި ކޮމިޝަނަރ ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ މޭޔަރ އަލްފާޟިލް ޢަބްދުﷲ ސާދިޤެވެ. 

މި ބައްދަލުކުރެއްވުމުގައި އައްޑޫސިޓީގެ އިޖުތިމާއީ އަދި އުމްރާނީ ހާލަތާއި، އައްޑޫގެ އާބާދީއާއި ވަޒީފާގެ ފުރުސަތަތައް ހުޅުވާލެވިފައިވާ މިންވަރާއި، އައްޑޫގެ ތަރައްޤީއާއި އައްޑޫސިޓީ ކައުންސިލްގެ ދައުރާ ގުޅޭގޮތުން އެމަނިކުފާނު ވަނީ އޮޅުންފިއްލުވާފައެވެ. އަދި އައްޑޫސިޓީއަށް މިވަގުތު ދިމާވެފައިވާ މައްސަލަތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތުވެސް އެމަނިކުފާނު އޮޅުންފިއްލުއްވިއެވެ. މި ބައްދަލުކުރެއްވުމުގައި މޭޔަރ ޢަބްދުﷲ ސާދިޤާއި ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ވަނީ އޮސްޓްރޭލިއާ ސަފީރަށް ހަނދާނީ ހަދިޔާއެއް ވެދުމަށް އަރުވާފައެވެ. އަދި މެހުމާނުން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ.

އޮސްޓްރޭލިޔާގެ ސަފީރުގެ މިދަތުރުފުޅަކީ އެމަނިކުފާނު އައްޑޫސިޓީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ އައްޑޫސިޓީގެ ހާލަތު ދަނެގަނެ ކަންކަން ހިނގާނުހިނގާގޮތް ބެއްލެވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.

އައްޑޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) އާވެސް ސަފީރު މިއަދު ބައްދަލުކުރެއްވިއެވެ. އަދި މިއަދު މެންދުރުފަހުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓްގެ ރީޖަނަލް އޮފީހާއި އެހެނިހެން ބައެއް ޖަމުޢިއްޔާ ޖަމާޢަތްތަކާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން އިކޯ-ޓޫރިޒަމަށް ތަރައްޤީ ކުރަމުންދާ އީދިގަލި ސަރަހައްދަށްވެސް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.