އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެމްއޭޕީޑީއިން ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހަރަކާތްތަކެއް ހިންގަނީ

22 ޖެނުއަރީ 2018     6 years ago


އެމްއޭޕީޑީއިން ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހަރަކާތްތަކެއް ހިންގަނީ

އައްޑޫގައި ތިބި ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ހިންގުމަށް ރޭވިފައިވާ ހަރަކާތްތަކުގެ މައުލޫމާތު މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިޒޭބަލްސް(އެމްއޭޕީޑީ) އިން މިއަދު އައްޑޫސިޓީ ކައުންސިލާ ހިއްސާކުރައްވައިފިއެވެ. 

މި ހަރަކާތްތަކުގައި ހިމެނޭ އެންމެ މުހިންމު ކަމަކީ، ޚާއްސައެހީއަށް ބޭނުންވާ ކުދިންގެ ހާލަތު ދަނެގަތުމަށް ކުރިއަށް ގެންދަވާ ސާވޭއެވެ. މި ސާވޭގެ މަސައްކަތް މިމަހުގެ 21 ން ފެށިގެން  25ގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މިސާވޭއަކީ އެމްއޭޕީޑީއިން ހާއްސައެހީއަށް ބޭނުންވާ ކުދިންގެ މައުލޫމާތު މިހާރު ހޯދަމުންދާ އެންސްޕާގެ އެލަވެންސް ލިސްޓުން ކުދިންގެ ހާލަތުގެ މައުލޫމާތު ލިބުމުގައި ދަތިތަކެއް ހުރުމުން އެކުދިންނަށް އެންމެ ފުރިހަމަ ގޮތުގައި އެހީވުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ހިންގާ ސާވޭއެކެވެ.

މި ސާވޭއަށްފަހު ސީޕީ ޑޭއި ގެ ގޮތުގައި މެޑިކަލް ކޮންސަލްޓޭޝަން އަދި ތެރަޕީ ސެޝަން ދުވަހެއް މިމަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިތެރަޕީ ސެޝަންގައި ސެނަހިޔާ، އައިއެމްޑީސީ އަދި އެޗްއާރުއެޗްގެ ތެރަޕިސްޓުން ބައިވެރިވެވަޑައިންގަންނަވާނެއެވެ. މި ސެޝަންގައި ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ހާލަތު އިތުރަށް ގޯސްވިއަނުދިނުމަށްޓަކައި ހޯމް ތެރަޕީ ދެވެނޭ ގޮތްތައް ބެލެނިވެރިންނަށް ދަސްކޮށްދެވޭނެއެވެ.

މީގެއިތުރުން އިންޓަނޭޝަލް ޑޭ އޮފް ޕާސަންސް ވިތް ޑިޒޭބިލިޓީސް(އައިޑީޕީޑީ) ފާހަގަ ކުރުމުގެ ގޮތުން މިމަހުގެ 27 ވަނަ ދުވަހު ހަރަކާތެއް ކުރިއަށްދާނެއެވެ. މިހަރަކާތުގައި ތަފާތު ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

އެމްއޭޕީޑީގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ މައުލޫމާތު ކައުންސިލާ ހިއްސާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި އެސޯސިއޭޝަންގެ ޗެއެރޕާސަން އަޙްމަދު މުޙައްމަދުއާއި ހޮރައިޒަން އެކަޑަމީގެ ފަރާތުން އަލީ ޝިހާބު ބައިވެރިވެލެއްވިއެވެ.