އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޕީ.އެސް.އެމްގެ ފަރާތުން ކައުންސިލާ ބައްދަލުކޮށްފި

29 ޖެނުއަރީ 2018     6 years ago


ޕީ.އެސް.އެމްގެ ފަރާތުން ކައުންސިލާ ބައްދަލުކޮށްފި

ޕަބްލިކް ސަރވިސް މީޑިއާ(ޕީ.އެސް.އެމް)ގެ ޓީމެއް އައްޑޫއަށް ކުރާ ޒިޔާރަތުގެ ތެރެއިން އައްޑޫސިޓީ ކައުންސިލާ ބައްދަލުކޮށްފިއެވެ.

ޕީ.އެސް.އެމްގެ ޓީމުގެ މިޒިޔާރަތަކީ އައްޑޫގައި ޤާއިމް ކުރެވިފައިވާ ބިއުރޯގެ މަސައްކަތް ހަރުދަނާ ކުރުމުގެ ބައެއް ކަންކަމާއި މުވައްޒަފުންގެ ތަމްރީނާއި ގުޅުން ހުރިކަންކަން ހިންގައި މިހާރަށްވުރެ ރަނގަޅަށް އައްޑޫސީޓީގެ މަޢުލޫމާތުތައް އާންމުންނާ ހިސާބަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ބަލައި ރަނގަޅުކުރުމަށްޓަކައި ކުރާ ޒިޔާރަތެކެވެ.

ކައުންސިލާއެކު ޕީ.އެސް.އެމްއިން ބޭއްވި ބައްދަލުވުމުގައި ޑިރެކްޓަރ ނިއުސް، އަބްދުﷲ ރަމީޒު ވިދާޅުވީ، އައްޑޫގައި ތަރައްޤީގެ ވަރަށްގިނަ ކަންކަން ހިނގަމުންދާ ކަމަށާއި، ކައުންސިލުންވެސް ރައްޔިތުންނަށް ވަރަށް މުހިއްމު ޚިދުމަތްތަކެއް ދެއްވަމުންގެންދަވާ ކަމުގައެވެ. އެހެންނަމަވެސް އެފަދަ ކަންކަމުގެ ވާހަކަ ޕީއެސްއެމް އިން އެންމެ ފުރިހަމައަށް މިވަގުތު ނުގެނެސްދެވޭކަން ފާހަގަކުރެއްވޭ ކަމަށެވެ. ރައްޔިތުންނަށް ޚިދުމަތް ދޭ މުއައްސަސާތަކާއެކު ގާތް ގުޅުމެއް އޮތުން މުހިއްމުކަމު ކަމަށް ދެކޭކަމަށާއި، ކައުންސިލުން ދެއްވި އެއްބާރުލެއްވުމަށް މޭޔަރަށް ޝުކުރު އަދާކުރެއްވިއެވެ.

ޕީ.އެސް.އެމްއިން މިއަދު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި މޭޔަރ އަބްދުﷲ ޞާދިޤް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އައްޑޫސިޓީ ކައުންސިލަކީ، މިޑިއާ އާ ވަރަށް ފަރިތަ ބައެއް ކަމަށާއި، މީޑިއާ އާ ވަރަށް ގާތް ގުޅުމެއް އަބަދުވެސް ބައްވަމުންދާ ކަމުގައެވެ. މިދިޔަ ކައުންސިލްގެ ދައުރުގައިވެސް ކައުންސިލުން ކޮންމެ މަހަކު އެއްފަހަރު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ގެންދެވިއެވެ. އަދި ކައުންސިލުން ހިންގާ ހަރަކާތްތަކުގެ މައުލޫމާތު މީޑިއާ އަށް ހާމަކުރުމުގެ ގޮތުން ކައުންސިލްގެ ވެބްސައިޓްގައާއި، އެފްބީ ޕޭޖްގައި އަދި ޓްވިޓާ ގައި ޝާއިއުކުރެވެއެވެ. ޕީ.އެސް.އެމްއިން އައްޑޫގެ ޚަބަރުތައް ގެނެސްދޭލެއް އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކައުންސިލުން ކުރައްވާ މަސައްކަތްތައްވެސް ވީހާވެސް ބޮޑަށް އާންމުންނާ ހިސާބަށް ފޯރުކޮށްދިނުމަކީ ވަރަށް ރަނގަޅު ކަމެއް ކަމުގައި ދެކިލައްވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި، ކައުންސިލްގެ އިދާރާގެ ސެކްޝަންތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

ޕަބްލިކް ސަރވިސް މީޑިއާ 2015 ވަނަ އަހަރު އުފެދުނުއިރު އައްޑޫގައި ދައުލަތުގެ މީޑިއާ ސެންޓަރ ހުޅުވުނީ 2016 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.