އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސައުތު ޕޮލިސް ޑިވިޝަންގެ އައު ކޮމާންޑަރު ކައުންސިލާ ބައްދަލުކުރައްވައިފި

31 ޖެނުއަރީ 2018     6 years ago


ސައުތު ޕޮލިސް ޑިވިޝަންގެ އައު ކޮމާންޑަރު ކައުންސިލާ ބައްދަލުކުރައްވައިފި

ސައުތު ޕޮލިސް ޑިވިޝަންގެ އައު ކޮމާންޑަރު އަޙްމަދު ސާމީ، އެ މަގާމަށް ހަމަޖެހުމާއި ގުޅިގެން ތައާރަފްވެ ގުޅުންބަދަހި ކުރުމުގެ ގޮތުން އައްޑޫސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އައްޑޫސިޓީ ކައުންސިލުން ފުލުހުންނަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާކަން އައު ކޮމާންޑަރު ފާހަގަކުރެއްވިއެވެ. އެންމެ އިސްކަމެއް ދެއްވާނީ ޤާނޫނީ ގޮތުން ކުރައްވަން ޖެހޭ މަސައްކަތްތައް ފުރިހަމަ ގޮތެއްގައި އަދާކުރައްވަން ކަމަށާއި، އައްޑޫ އަދި ފުވައްމަލަކު ސިޓީ ހިމެނޭ ގޮތަށް ކުށް މަދުކުރުމަށާއި އަމާން މުޖުތަމަޢެއް ގާއިމުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު ފުލުހުން ތަރުތީބު ކުރެވިފައިވާ ގޮތަށް ބަދަލުތަކެއްގެނެސް ކޮންމެ ޑިއުޓީ ގަޑިއެއްގައި އުޅޭ ފުލުހުންގެ އަދަދު އިތުރު ކޮށްފައިވާ ކަމުގައި ވިދާޅުވިއެވެ.

އައްޑޫގައި އެކްސިޑެންޓްތައް ދިމާވާ ނިސްބަތް ގިނަކަން ފާހަގަ ކުރެވޭ ކަމަށާއި، އިސްކަމެއްގެ ގޮތުގައި އެކަން ދެކި ނުރައްކާތެރި އެކްސިޑެންޓްތައް މެދުވެރިވުން ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، މޭޔަރ ވިދާޅުވީ، ފުލުހުންނާއެކު ވަރަށް ގާތްގުޅުމެއް މިހާތަނަށްވެސް ކައުންސިލުން ބޭއްވި ކަމަށާއި މިސިޓީ އަކީ އަމާންތަނަކަށް ހެދުމަށް ފުލުހުން ކުރައްވާ މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައެވެ. އައްޑޫގައި މިހާރު ކަންކަން ހުރި ގޮތް ކައުންސިލުން ވަނީ އައު ކޮމާންޑަރަށް އޮޅުންފިލުވާ ދެއްވާފައެވެ. 

މިބައްދަލުވުމުގައި ސިޓީ ކޮމާންޑަރު ޖަމްޝީދު ޢަލީ ބައިވެރިވެލެއްވިއެވެ. ދެކުނު ޑިވިޝަން ކޮމާންޑަރަކަށް ސާމީ އައްޔަންކުރެވި، އައްޑޫއަށް ވަޑައިގަތީ ފާއިތުވި އަހަރު ޑިސެމްބަރު މަހުގައެވެ. އޭގެ ކުރިން އެބޭފުޅާ ހުންނެވީ އުތުރުގެ ޑިވިޝަން ކޮމާންޑަރުގެ މަޤާމުގައެވެ.