އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި ހިނގައިދިޔަ މާރާމާރީއާއި ގުޅިގެން އެކަމުގެ ކަންބޮޑުވުންތައް ކައުންސިލުން ޕޮލިހާ ހިއްސާކޮށްފި

6 ޖޫން 2018     1 year ago


އައްޑޫގައި ހިނގައިދިޔަ މާރާމާރީއާއި ގުޅިގެން އެކަމުގެ ކަންބޮޑުވުންތައް ކައުންސިލުން ޕޮލިހާ ހިއްސާކޮށްފި

އައްޑޫގައި ރޭ ފުޓްސަލް މެޗެއް ބަލަން ގޮސްތިބި ގްރޫޕްތަކެއްގެ މެދުގައި އުފެދުނު ހަމަނުޖެހުމެއްގެ ތެރެއިން ހިނގައިދިޔަ މާރާމާރީއާއި ގުޅިގެން އެކަމުގެ ކަންބޮޑުވުންތައް ކައުންސިލުން ޕޮލިހާ ހިއްސާކޮށްފިއެވެ.

ދެ ގްރޫޕެއްގެ މެދުގައި ހިނގި މިމާރާމާރީއާއި ގުޅިގެން ކައުންސިލުން މިއަދު ޕޮލިހާއެކު ކުރެއްވި މަޝްވަރާގައި، އާންމުންގެ މެދުގައި އުފެދިފައިވާ ނުތަވަސްކަން ހައްލުކޮށް، މާރާމާރީގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްގޮތެއްގައި ކޮށްދެއްވުމަށް ކައުންސިލުންވަނީ އެދިފައެވެ. އަދި އާންމުންގެ މެދުގައި އުފެދިފައިވާ ބިރުވެރިކަން ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވައިދެއްވުމަށްވެސް ކައުންސިލުންވަނީ އެދިފައެވެ.

ކައުންސިލާއި ޕޮލިހާއި ދެމެދު ދެކެވުނު ވާހަކަތަކުގައި މާރާމާރީއާއި ގުޅިގެން އުފެދުނު ހަމަނުޖެހުންތައް ހައްލުކޮށް ސުލްހަމަސަލަސްކަން ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޕޮލިހުންވަނީ ބުނެފައެވެ. އަދި ވީއެންމެ އަވަހަކަށް މައްސަލައާއި ގުޅުންހުރި ފަރާތްތައް ހައްޔަރުކޮށް ވިޔަފަޅު އެޅުމަށް ކުރަންޖެހޭ ކަންތައްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރޭގެ މާރާމާރީއާއި ގުޅިގެން ޕޮލިހުންވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ.