އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރެޑީ ކޭމްޕް އަންނަ ޖުލައި މަހު އައްޑޫގައި ބާއްވަނީ

7 ޖޫން 2018     1 year ago


ރެޑީ ކޭމްޕް އަންނަ ޖުލައި މަހު އައްޑޫގައި ބާއްވަނީ

ފުލުހުންގެ ފަރާތުން ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ރާއްޖޭގެ އެކި ރަށްތަކުގައި ބާއްވަމުން ގެންދާ 'ރެޑީ ކޭމްޕް' ގެ މިއަހަރުގެ ފުރަތަމަ ކޭމްޕް އަންނަ ޖުލައި މަހު އައްޑޫސިޓީގެ ޝަރަފުއްދީން ސްކޫލުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ދަރިވަރުންގެ އިތުރުން ޓީޗަރުންނާއި ބެލެނިވެރިންވެސް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ ރެޑީ ކޭމްޕަކީ 3 ދުވަހަށް ދިގުދެމިގެންދާނެ ހަރަކާތެކެވެ. މިހަރަކާތުގެ މަޤްސަދު ކަމުގައި ފުލުހުން ބުނެފައިވަނީ ސްކޫލްތަކުގެ ދަރިވަރުންގެ ކިބައިގައި ދިރިއުޅުމުގެ ރީތި އަދަބުތައް ހަރުލެއްވުމާއި، ކިޔެވުމަށް ލޯބިކުރާ، މައިންބަފައިންނާއި މުދައްރިސުންނަށް ކަމޭހިތާ، ޤައުމުގެ ލާބަޔަށް މަސައްކަތްކުރާ ސިފަވަންތަ ދަރިވަރުންތަކެއް އުފެއްދުމެވެ.

ރެޑީ ކޭމްޕް އިންތިޒާމު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ފުލުހުން ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓާފް ސާޖަންޓް އަޙުމަދު އުސައިދު ބުނި ގޮތުގައި ރެޑީ ކޭމްޕުގައި ދަސްކޮށްދެވޭ ބައިތައް ކުރިއަށް ގެންދާނީ ތިން ބަޔަކަށް ބަހާލެވިގެންނެވެ. އެއީ އިސްލާމް ދީނާއި، ޤައުމިއްޔަތާއި ދިރިއުޅުމުގަ ރިވެތި އާދަތައް ދަސްކޮށްދެވޭ ހަރަކާތްތަކެއްގެ ގޮތުގައެވެ.

އުސައިދު ބުނިގޮތުގައި ތިން ދުވަހުގެ މިކޭމްޕް ކުރިއަށްދާނީ އަންހެން ކުދިންނާއި ފިރިހެންކުދިން އެއްވެސް ގޮތަކަށް މަސްހުނި ނުވާގޮތަށް ވަކިވެގެންނެވެ. އަދި ކޭމްޕްގެ ތެރެއިން މައިގަޑު ގޮތެއްގައި ކިޔަވައިދޭން ރާވާފައިވާ މައްދާތަކުގެ ތެރޭގައި ހިމެނެނީ ދީނީ ބައިތަކާއި، ޓީމް ބިލްޑިންގ އެންޑް ލީޑަރޝިޕް ކޮމިއުނިކޭޝަން، ރިވެތި އަދަބުތައް، ފިޒިކަލް ޓްރެއިނިންގ، ސައިބަރ ކްރައިމް، އާންމު ޢިޖުތިމާއީ ޤާނޫނު، ޓްރެފިކް ޤަވާއިދުތައް އަދި ނަފްސް ތަންޒީމު ކުރުމުވެ.

މިރެޑީ ކޭމްޕަކީ ފުލުހުންގެ ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ 67 ވަނަ ކޭމްޕެވެ. މީގެ ކުރިންވެސް އައްޑޫގައި ރޭޑީ ކޭމްޕް ވަނީ ބޭއްވިފައެވެ.