އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ޤުރުއާން މުބާރާތުގެ ވަނަތައް ހޮވައި އިނާމު ދީފި

24 ޖޫން 2018     5 years ago


އައްޑޫ ޤުރުއާން މުބާރާތުގެ ވަނަތައް ހޮވައި އިނާމު ދީފި

އައްޑޫސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ބޭއްވި ޤުރުއާން މުބާރާތް ނިންމައި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް މިރޭ އިނާމު ދީފިއެވެ.

ކުދިންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށް ފަރިތަކަންމަތީ ތަރުތީލުކޮށް ޤުރުއާން ކިޔަވަން އެނގޭ މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްސަދުގައި ކައުންސިލުން ފެށި މިޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އޮތީ ނޫރާނީ ސްކޫލުގައެވެ. ރަސްމިއްޔާތުގެ ޝަރަފުވެރި މެޙްމާނަކީ އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފްއެވެ.

ސިޓީ ފެންވަރުގައި ކައުންސިލުން ކުރިއަށް ގެންދިޔަ މިމުބާރާތުގެ މުޅި މުބާރާތުން އެއްވަނައަށް ހޮވިފައިވަނީ ހިތަދޫ ސްކޫލުގެ ދަރިވަރު، މަރިޔަމް ޒަހްވާ އާދިލްއެވެ. ދެވަނައަށް ހޮވުނީ ފޭދޫ ސްކޫލުގެ ދަރިވަރު އައިޝަތު އަމާނީ އިޖްތިހާދުއެވެ. އަދި މުބާރާތުން ތިންވަނައަށް ހޮވުނު ދަރިވަރަކީ ޝަމުސުއްދީން ސްކޫލުގެ ދަރިވަރު އައިޝަތު މަންހާ ޖަލީލްއެވެ.

މިމުބާރާތުގައި އެގާރަ ސްކޫލަކުން ބައިވެރިވެފައިވާއިރު، އެއްވަނަ ސްކޫލަކަށް ހޮވިފައިވަނީ ހުޅޫދޫ ސްކޫލެވެ.

އައްޑޫ ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރަކު އެއްފަހަރުއެވެ. މިފަހަރުގެ މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ އަލްޤާރީ އަޙްމަދު ތައުފީޤު، އަލްހާފިޒު އިބްރާހިމް ޒުހައިރު އަދި އަލްހާފިޒު މުޙައްމަދު ވަހީދުއެވެ.