އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ މެރެތަން އަންނަ ހުކުރު ދުވަހު، މެރަތަންގެ އެމްބެސެޑަރަކަށް ދުނިޔޭގެ ޗެމްޕިއަނެއް

25 ޖޫން 2018     9 months ago


އައްޑޫ މެރެތަން އަންނަ ހުކުރު ދުވަހު، މެރަތަންގެ އެމްބެސެޑަރަކަށް ދުނިޔޭގެ ޗެމްޕިއަނެއް

އައިރަނާސް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ އައްޑޫ މެރެތަން ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، މިފަހަރުގެ މެރަތަންގެ އެންމެ ހާއްސަ ކަމަކީ މަޝްހޫރު އަލްޓްރާ މެރެތަނާ މައިކަލް ވޯޑިއަން އައްޑޫ މެރެތަންގެ ރަން އެމްބަސަޑަރެއްގެ ގޮތުގައި ބައިވެރިވުންކަމީ ދެބަސްނުވެވޭނެކަމެކެވެ.

ވޯޑިއަންއަކީ އިންޑޯ މެރަތަންއެއް އެންމެ އަވަހަށް ދުވެގެން ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ ދުވުންތެރިއެކެވެ. އަދި އިންޑޯ 50 ކިލޯމީޓަރުގެ ދުވުމާއި ޓްރެޑްމިލްގައި 50 ކިލޯމީޓަރު ދުވުމުގެ ރިކޯޑް އޮތް ދުވުންތެރިއާވެސް މެއެވެ.

މީގެއިތުރުން ވޯޑިއަންވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ ދުވުންތަކެއްގައި ބައިވެރިވެ ވަނަ ހާސިލުކޮށްފައެވެ. އެގޮތުން އެނާ ވަނީ މިހާތަނަށް 170 އަށް ވުރެ ގިނަ މެރެތަން އަދި 70 އަށް ވުރެ ގިނަ އަލްޓްރާ މެރެތަންގައި ބައިވެރިވެފައެވެ.

މިއީ ދުނިޔޭގެ ރެކޯޑް ފޮތްތަކުން ޖާގަ ހޯދާފައިވާ ޗެމްޕިއަން  ދުވުންތެރިއަކު ރާއްޖޭގެ މެރެތަނެއްގައި ބައިވެރިވާ ފުރަތަމަ ފަހަރުކަމަށްވީހިނދު، މިޝަރަފު އައިރަނާސްގެ ފަރާތުން އައްޑޫސިޓީއަށް ހޯދައިދިންކަން އެއީ ފާހަގަކުރަންޖެހޭ މުހިއްމުކަމެކެވެ. އައިރަނާސް ގެ ފައުންޑަރ މެމްބަރ ހުސައިން ޝުޖާއު ބުނީ އައްޑޫ މެރަތަންގެ އެންމެ ބޮޑު މަޤްސަދަކީ ބޭރުގެ ދުނިޔެއަށް އައްޑޫސިޓީ މަންޒިލެއްގެ ގޮތުގައި ދައްކުވައިދީ ދުނިޔޭގެ މަޝްހޫރު ދުވުންތެރިން ވާދަކުރާ މުބާރާތަކަށް އައްޑޫ މެރެތަން ވެގެންދިޔުން ކަމުގައެވެ.

ޝައްކެއްވެސް ނެތް ގޮތުގައި ވޯޑިއަންފަދަ މަޝްހޫރު ދުވުންތެރިއަކު އައްޑޫ މެރެތަންގައި ބައިވެރިވުމަކީ ވޯޑިއަން ފޮލޯކުރާ އެތައްހާސް ބަޔަކަށް އައްޑޫސިޓީ އަދި އައްޑޫ މެރެތަން މަޝްހޫރުވެގެންދާނެ ކަމެކެވެ. މިއީ އެކަމުގެ ސަބަބުން ކުރިން އެތަށް ދުވުންތެރިންނަށް ނޭގި އޮތް ކުޑަކުޑަ ޖަޒީރާ ރަށް ފަތުރުވެރިންގެ މަންޒިލަކަށް ވެގެންދާނެ ކަމެކެވެ. އަދި ދުނިޔޭގެ އެކި ކަންކަޅުތަކުގައި ބައްވާ ދުވުންތަކުގައި ވާދަކުރާ ދުވުންތެރިންގެ ޗެލެންޖް ޑެސްޓިނޭޝަކަށް އައްޑޫސިޓީ ވެގެންދާނެ ކަމެކެވެ.

އައްޑޫ މެރެތަންގައި ބައިވެރިވުމަށް 430 ދުވުންތެރިން ރެޖިސްޓަރކޮށްފައިވާއިރު މީގެ ތެރެއިން 125 ދުވުންތެރިންނަކީ އައްޑޫސިޓީގެ ބޭރުން އަންނަ ދުވުންތެރިންނެވެ. މީގެ ތެރޭގައި ރާއްޖޭގައި ނަން މަޝްހޫރު ދުވުންތެރިން ކަމަށްވާ އަހުމަދު އާތިފާއި ގައުމީ ރެކޯޑް ހަދާފައިވާ މަރިޔަމް އަބްދުލްކަރީމް ހިމެނެއެވެ.

މިފަހަރުގެ މެރެތަންގައި 4 ކެޓަގަރީއަކުން ދުވުންތެރިންނަށް ވާދަކުރެވޭނެއެވެ. އެއީ 5 ކިލޯމީޓަރ، 10 ކިލޯމީޓަރ، 21 ކިލޯމީޓަރ އަދި 42 ކިލޯމީޓަރ ގެ ދުވުމުވެ. މިއިން ކޮންމެ ކެޓަގަރީ އަކުންވެސް އަންހެން އަދި ފިރިހެން ދުވުންތެރިން ވަކިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ. އެއްވަނައަށްދާ ފަރާތްތަކަށް -/7500 ރުފިޔާ، ދެވަނައަށްދާ ފަރާތްތަކަށް -/3750 ރުފިޔާ އަދި ތިންވަނައަށްދާ ފަރާތްތަކަށް -/2500 ރުފިޔާ އިނާމެއްގެ ގޮތުގައި ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

އައްޑޫމެރެތަންގެ ކެޓަގަރީތަކުގެ ތެރެއިން 42 ކިލޯމީޓަރުގެ ދުވުން ފެށޭނީ މެންދަމު 2:30 ގައެވެ. 21 ކިލޯމީޓަރުގެ ދުވުން ފެށޭނީ ފަތިހު 5:30 ގައެވެ. 10 ކިލޯމީޓަރުގެ ދުވުން 6:30 ގައި ފެށުމަށް ހަމަޖެހިފައިވާއިރު 5 ކިލޯމީޓަރުގެ ދުވުން ފެށޭނީ 7:30 ގައެވެ.

މީގެ އިތުރުން ކުޑަކުދިންނަށާއި އުމުރުންދުވަސްވީ މީހުންނަށް ބާއްވާ ހަރަކާތްތައް 8:30 ގައި ފެށުމަށް ވަނީ ހަޖެހިފައެވެ. އެގޮތުން އުމުރުން 12-9 އަހަރާ ދެމެދުގެ ކުދިންނަށް 3.2 ކިލޯމީޓަރުގެ ދުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު 6-9 އަހަރާ ދެމެދުގެ ކުދިންނަށް ބޭއްވުމަށް ހަމަޖެހިފައިވަނީ 1.6 ކިލޯމީޓަރުގެ ދުވުމެކެވެ. އުމުރުން ދުވަސްވީ މީހުންނަށް ބާއްވާނީ 3.2 ކިލޯމީޓަރުގެ ހިނގުމެކެވެ.

އަންނަ ހުކުރު ދުވަހު ފެށޭ އައްޑޫ މެރެތަންއަށް އައްޑޫގެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާއިރު ވޯޑިއަންފަދަ ދުވުންތެރިއަކާ އެކީ ވާދަކުރުމުގެ ފުރުސަތު ލިބުމަކީ އައްޑޫ މެރަތަންގައި ބައިވެރިވާ ރާއްޖޭގެ މަޝްހޫރު ދުވުންތެރިންނަށް ލިބެގެންދާނެ ޝަރަފެއްކަން ޔަގީނެވެ.