އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސައުތް ޕޮލިސް ޑިވިޝަން ކޮމާންޑަރ ބަދަލުވުމާ ގުޅިގެން ކައުންސިލާ ބައްދަލުކުރައްވައިފި

5 އޯގަސްޓް 2018     2 weeks ago


ސައުތް ޕޮލިސް ޑިވިޝަން ކޮމާންޑަރ ބަދަލުވުމާ ގުޅިގެން ކައުންސިލާ ބައްދަލުކުރައްވައިފި

އައްޑޫސިޓީ އާއި ފުވައްމުލަކު ސިޓީ ހިމެނޭ ގޮތަށް ސައުތު ޕޮލިސް ޑިވިޝަންގެ އައު ކޮމާންޑަރަކަށް ސްޕްރިޓެންޑަންޓް އަޙުމަދު އަޒުހާން ހަމަޖެހުމާ ގުޅިގެން ކައުންސިލާއެކު ތަޢާރަފުވެލައި މަޝްވަރާކުރުމުގެ ގޮތުން މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ.

ސްޕްރިޓެންޑަންޓް އަޙުމަދު އަޒުހާން މިމަޤާމަށް އައްޔަން ކުރެވުނީ ކުރިން ޑިވިޝަންގެ ކޮމާންޑަރުގެ މަޤާމު ފުރުއްވަމުން ގެންދެވި އަޙްމަދު ސާމީގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

އައްޑޫސިޓީ ކައުންސިލްގެ އިދާރާގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި ސްޕްރިޓެންޑަންޓް އަޙުމަދު އަޒުހާން ވިދާޅުވި ގޮތުގައި ކައުންސިލާއި ޕޮލިހާ ދެމެދު އަބަދުވެސް ގާތް ގުޅުމެއް އޮންނަ ކަމަށާއި އަދި އެބޭފުޅާގެ ދައުރުގައި މިގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަޒުހާން ވިދާޅުވި ގޮތުގައި އެބޭފުޅާ މަޤާމާއި ހަވާލުކުރެވުނު ވަގުތަކީ ހިތަދޫގައި ކުށްކުރުން ވަރަށް ބޮޑަށް އިތުރުވި ވަގުތެއް ކަމަށާއި އެހެންކަމުން އެކަން ހައްލުކުރުމަށް ވަގުތުން ފިޔަވަޅުތަކެއް އެޅުއްވިކަމަށެވެ. އަދި ހަމައެއާއެކު ކުރިޔަށް އޮތީ ރިޔާސީ އިންތިޚާބަށްވެފައި ޕާރޓީ ތަކުގެ ކެމްޕެއިންވެސް ފެށިގެން ކުރިއަށްދާތީ ފުލުހުންގެ ހަރަކާތްތައް އިތުރުކޮށް އަމާން ވެއްޓެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމެށެވެ. އެގޮތުން މިހާރު ސްޕެޝަލް އޮޕެރޭޝަންސް ޓީމެއްވެސް ހަރަކާތްތެރިވަމުންދާކަމަށެވެ.

ސައުތް ޕޮލިސް ޑިވިޝަން ކޮމާންޑަރ ބަދަލުވިއިރު އިދާރީ ގޮތުން މިހާރު ޕޮލިސް ހިންގަމުން އަންނަ ގޮތަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. މިގޮތުން އައްޑޫސިޓީ ބެލެހެއްޓުން ދެބަޔަކަށް ބެހި ގަމުން ފެށިގެން މަރަދޫއާ ހަމަޔަށް ހިމެނޭ ހަތަރު ރަށުގެ ބެލެހެއްޓުން އިންސްޕެކްޓަރ ޖަމްޝީދު ޢަލީ އާއި ހަވާލު ކުރެވިފައިވާއިރު ދެން ހުރި ރަށްތަކުގެ ބެލެހެއްޓުން ހަވާލުކުރެވިފައިވަނީ ކުރިން ހިތަދޫ ސްޓޭޝަން އިންޗާރޖުގެ ގޮތުގައި ހުންނެވި ސަބް އިންސްޕެކްޓަރ ޒިޔާދު ޢަލީއާއެވެ.