އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަމިއްލަ ފަރާތްތަކަށް އެހީ ދިނުމާބެހޭ ގަވާއިދެއް އައްޑޫސިޓީ ކައުންސިލުން ފާސްކޮށްފި

5 ސެޕްޓެމްބަރ 2018     5 years ago


އަމިއްލަ ފަރާތްތަކަށް އެހީ ދިނުމާބެހޭ ގަވާއިދެއް އައްޑޫސިޓީ ކައުންސިލުން ފާސްކޮށްފި

އައްޑޫ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް އެހީ ދިނުމާބެހޭ ގަވާއިދެއް ފާސްކޮށްފިއެވެ.

މި ގަވާއިދަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ބާރުލިބިގެން އައްޑޫ ސިޓީ ކައުންސިލުން އެކުލަވާލައި ފާސްކޮށްފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ މަޤްޞަދަކީ ކަނޑައެޅޭ އުސޫލެއްގެމަތިން އައްޑޫ ސިޓީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ދީނީ ކަންކަމާއި، ތަޢުލީމާއި، ފަރުދުންގެ ދުޅަހެޔޮކަމާއި، ކުޅިވަރާއި، މުނިފޫހިފިލުވުމާއި، އިޖްތިމާޢީ ކަންކަމާއި، ސަގާފަތާއި، އިންސާނީ ވަޞީލަތްތަކާއި، ދިރޭތަކެތީގެ މުއްސަނދިކަން ލިބިފައިވާ މުޖުތަމަޢެއް ބިނާކޮށް ތަރައްޤީކުރުމާއި އަދި މިނޫންވެސް މިފަދަކަންކަން ކުރުމަށްޓަކައި އެކަންކަމަށް ބޭނުންޖެހިފާއިވާ ފަރާތްތަކަށާއި، ޖަމްޢިއްޔާ އަދި ޖަމާޢަތްތަކަށް ކައުންސިލްގެ ބަޖެޓް ތަންދޭ މިންވަރަކުން ފައިސާ އާއި ފަންނީ އަދި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމެވެ.

މައިގަނޑު ގޮތެއްގައި އައްޑޫ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް އެހީ ދިނުމާބެހޭ ގަވާއިދުގައި އެހީ ދިނުމަށް ކަނޑައަޅާފައިވަނީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންކަން ކުރުމަށްޓަކައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ކަމުގައި ވީނަމަވެސް ގުދުރަތީ ކާރިސާއެއް ނުވަތަ އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ނުވަތަ އެ ހާދިސާއަކުން ދިރިއުޅުން ކުރިއަށް ނުގެންދެވޭ ވަރުގެކަމެއް  މެދުވެރިވެ އެފަރާތާށް އެހީވާނޭ ދައުލަތުގެ އެހެން އިދާރާއެއް ނުވަތަ އެފަރާތުގެ މާލީ ތަނަވަސްކަމެއް ނެތްނަމަ، އެ ފަރާތަކުން ކައުންސިލްގައި އެހީތެރިކަމަށް އެދުމުން ޟަރޫރަތަކަށްޓަކައި އެފަދަ ފަރާތަކަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށް އެގަވާއިދުގައި ވެއެވެ. މީގެ އިތުރުން ވެސް   ޢާއިލާ ރޫޅި ބިކަވެ ހާލުގައި ޖެހިފައިވާ  18 (އަށާރަ) އަހަރު ފުރިފައިނުވާ ކުދިންނަށް އެހީތެރިވެދޭނޭ ދައުލަތުގެ އެހެން އިދާރާއެއް ނުވަތަ މާލީ ތަނަވަސްކަމެއް ނެތްނަމަ އެފަދަ ފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ހެދުމަށް ނުވަތަ މިފަދަ އެހެންވެސް ކަމެއް ކުރުމަށްޓަކައި އެހީއަށް ކައުންސިލްގައި އެދުމުން އެފަދަ އެހީއެއް ކައުންސިލުން ދެވިދާނެކަމަށް ވެސް ގަވާއިދުގައި ވެއެވެ.

މި ގަވާއިދުގެ މަޤްޞަދު ހާސިލްކުރުމަށްޓަކައި ސްކޫލްތަކަށާއި، އައްޑޫގައި ބާއްވާ ހާއްސަ މުބާރާތްތަކަށާއި ހަރަކާތްތަކަށް ހިތްވަރުދިނުމުގެގޮތުން އެހީ ދެވިދާނެ ކަމަށް މިގަވާއިދުގައި ވެއެވެ. މިގަވާއިދިގައިވާ ގޮތުންމަތިން ދޭ އެހީއަކީ ފައިސާ އާއި ފަންނީ އަދި އެހެނިހެން ގޮތްގޮތުން އެއްވެސް ބަދަލަކާނުލާ  ދެވޭއެހީ އެކެވެ.

މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމަށްޓަކައި ކައުންސިލުން ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވާފައެވެ. މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.