އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރިޔާސީ އިންތިހާބު އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވައިފި

24 ސެޕްޓެމްބަރ 2018     5 years ago


ރިޔާސީ އިންތިހާބު އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވައިފި

ރިޔާސީ އިންތިޚާބު 2018 ފަރަގު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ދިވެހި ޖުމްހޫރިއްޔާގެ 7 ވަނަ ރައީސަކަށް ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހް އަދި ނައިބު ރައީސަކަށް ފައިސަލް ނަސީމް ހޮވިވަޑައިގެންފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ވަގުތީ ނަތީޖާ ދައްކާ ގޮތުން އިބްރާހިމް މުހައްމަދު ސޯލިހް އިންތިޚާބު ކާމިޔާބު ކުރެއްވެވީ 134،616 ވޯޓާއެކު ސައްހަ ވޯޓުގެ %58.3 ގެ ނަތީޖާއެއް ހޯއްދަވައިގެންނެވެ. ކެންޑިޑޭޓް ނަންބަރު އެކެއް ޔާމީން އަބްދުލް ޤައްޔޫމަށް ލިބިވަޑައިގަތީ 96،132 ވޯޓެވެ. އެއީ ސައްހަ ވޯޓުގެ %41.6 އެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 262،135 މީހުންގެ ތެރެއިން ވޯޓުލި 233،877 މީހުންގެ ވޯޓުގެ ނަތީޖާއެވެ.

މިފަހަރު ރާއްޖެއާއި ރާއްޖެއިން ބޭރު ހިމަނައިގެން މުޅިއެކު 472 ވޯޓު ފޮށި ބެހެއްޓުނު އިރު ވޯޓުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިހެން ޖުމްލަ ވޯޓުން ކުރި ހޯއްދަވާފައިވަނީވެސް އިބްރާހިމް މުޙައްމަދު ސޯލިހެވެ. ވަކިން ހާއްސަކޮށް އާބާދީ ބޮޑު ސަރަހައްދުތަކުން އިބްރާހިމް މުޙައްމަދު ސޯލިހް ވަނީ ފަރަގު ބޮޑުކޮށް ކުރި ހޯއްދަވާފައެވެ.

ޅ. ހިންނަވަރަށް އުފަން އިބްރާހިމް މުޙައްމަދު ސޯލިހް އަކީ މަޑުމައިތިރި އަދި އޯގާތެރި މިޒާޖެއްގެ ހިންގުންތެރި ވެރިއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ މެދުނުކެނޑި 25 އަހަރު ހިންނަވަރު ދާއިރާގެ މަޖިލިސް މެންބަރުކަންވެސް ކުރައްވަވާފައެވެ. ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓަކަށް އިބްރާހިމް މުޙައްމަދު ސޯލިހް ހޮވިވަޑައިގަތީވެސް ގިނަ ބައެއްގެ ރުހުން ލިބިވަޑައިގަންނަވާފައިވާ ބޭފުޅަކަށް ވާތީއެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު އެމަނިކުފާނު ވެވަޑައިގަންނަވާނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް ހޮވިވަޑައިގަތް ފުރަތަމަ މާލެއިން ބޭރަށް ނިސްބަތްވާ ރައީސަށެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފައިވާއިރު، ސަރުކާރުގެ ފަރާތުން ބަލި ގަބޫލުކޮށް އެކަން މިއަދު ވަނީ އިޢުލާން ކޮށްފައެވެ.