އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ އިޤްތިސޯދު ހަރުދަނާ ކުރުމަށް އިކޮނޮމިކް މިނިސްޓަރުގެ އަރިހަށް

21 ނޮވެމްބަރ 2018     5 years ago


އައްޑޫގެ އިޤްތިސޯދު ހަރުދަނާ ކުރުމަށް އިކޮނޮމިކް މިނިސްޓަރުގެ އަރިހަށް

އައްޑޫސިޓީގެ އިޤްތިސޯދު ހަރުދަނާކުރުމާ ގުޅޭގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، ފައްޔާޒު އިސްމާއިލްއާ އައްޑޫސިޓީ ކައުންސިލުން މިއަދު ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

މިބައްދަލުވުމުގައި އައްޑޫގެ ވިޔަފާރި ދާއިރާގައި ސަރުކާރުންދޭ ޚިދުމަތް ރަނގަޅުކުރުމާއި، ރާއްޖެއިން ބޭރުން އައްޑޫއަށް މުދާ ގެނެއުމާއި ގުޅޭގޮތުން ވާހަކަދެކެވުނެވެ. އަދި ބިޒްނަސް ޑެވެލޮޕްމަންޓް ސެންޓަރ ގެ ޚިދުމަތް ރަނގަޅުކޮށް އެސް.އެމް.އީ ޕްރޮގްރާމާއި ބިޒްނަސް އިންކިއުބޭޝަން ސެންޓަރ ފުރިހަމަ ގޮތެއްގައި ހިންގޭނެ އިންތިޒާމު ހަމަޖެއްސައިދިނުމަށް ކައުންސިލުންވަނީ އެދިފައެވެ.

ކައުންސިލުން ފާހަގަކޮށް ހުށަހެޅި ބައެއް ކަންކަމުގެ ތެރޭގައި ހަފްތާ ބަންދު މާރކެޓެއް ތަޢާރަފްކޮށް، އުފެއްދުންތެރިކަމާއި ކާބޯތަކެތީގެ މައުރަޒު ރަސްމީ ސިފައެއްގައި ސިޓީ ފެންވަރުގައި އިންތިޒާމުކުރުމާއި، ވިޔަފާރި ޚިދުމަތް ދޭ ތަންތަނުން މިންގަޑުތައް ހިފަހައްޓާތޯ ބަލައި އެތަންތަނުގެ ސާފުތާހިރުކަން ބެލޭނެ ހަރުދަނާ އިންތިޒާމުތަކެއް ހަމަޖެހިގެން ދިޔުން ހިމެނެއެވެ.

މީގެއިތުރުން ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އެކަންކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށްވެސް ކައުންސިލުން އެދުނެވެ. މިގޮތުން އެކިއެކި ވިޔަފާރި ހުއްދަތައް ހޯދުމަށް ހުރި ދަތިތައް ހައްލުކޮށް ދިނުމަށާއި، ވަޒީފާގެ ބާޒާރު ހުރިގޮތް ދިރާސާކޮށް ހުރި މައްސަލަތައް ހައްލުކޮށްދިނުމަށާއި، ބިދޭސީންގެ މައްސަލައަށް ފަސޭހަ ހައްލެއް ހޯދައި ދިނުމަށް ކައުންސިލުން ވަނީ މިނިސްޓަރުގެ އަރިހުގައި އެދިފައެވެ.

އާ ސަރުކާރާއެކު، ވޭތުވެދިޔަ ފަސް އަހަރު އައްޑޫއަށް ކުރިމަތިވި ވީރާނާކަމުން އަރައިގަނެ، އަލުން އައްޑޫސިޓީ އާރާސްތުކޮށް އައްޑޫގެ ރައްޔިތުން ދެކެމުން އަންނަ 'ސްމާޓް ސިޓީ' އަށް އައްޑޫ ވެގެން ދިޔުމަކީ އައްޑޫގެ ރައްޔިތުންގެ މިހާރުގެ އެންމެ ބޮޑު އުންމީދެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްވަނީ އައްޑޫގެ ރައްޔިތުންނަށް އެއުންމީދީ ހުޅުކޮޅު ރޯކޮށްދީފައެވެ.

ކުރިޔަށް މިއޮތް ފަސް އަހަރު އައްޑޫގެ ތަރައްޤީއަށް ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އައްޑޫސިޓީ ކައުންސިލުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އާސަރުކާރު ހުވައިކޮށް ރަސްމީ ފުރަތަ ދުވަހު އައްޑޫސިޓީ ކައުންސިލުންވަނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް އައްޑޫގެ ތަރައްޤީއަށް ސަރުކާރުގެ ތަސައްވުރު އޮޅުންފިލުވައި އައްޑޫގެ ރައްޔިތުން ބޭނުންވާ ކަންކަން ހުށަހަޅުއްވާފައެވެ.

އައްޑޫސިޓީ ކައުންސިލުންވަނީ އިއްޔެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާވެސް ބައްދަލުކޮށްފައެވެ. މިބައްދަލުވުމުގައި އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށާއި، ބެޑް ކެޕޭސިޓީ އިތުރުކުރުމާއި، އަލަށް ތަރައްޤީކުރަމުންދާ ރިސޯޓުގެ ކަންކަމާއި، ފަތުރުވެރިކަމަށް އިތުރު ދޮރުތަކެއް ހުޅުވޭނެ މަގުތައް ހޯދައި މަސައްކަތް ކުރުމަށް މަޝްވަރާކޮށްފައެވެ.