އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިނިސްޓަރ އޮފް ހައުސިންގ އެންޑް އާރބަން ޑެވެލޮޕްމަންޓް އާމިނަތު އާތިފާ ޝަކޫރާ ކައުންސިލުން ބައްދަލުކުރައްވައިފި

22 ނޮވެމްބަރ 2018     5 years ago


މިނިސްޓަރ އޮފް ހައުސިންގ އެންޑް އާރބަން ޑެވެލޮޕްމަންޓް އާމިނަތު އާތިފާ ޝަކޫރާ ކައުންސިލުން ބައްދަލުކުރައްވައިފި

އައްޑޫސިޓީ ކައުންސިލުން އާ ސަރުކާރުގެ މިނިސްޓްރީތަކަށް މިވަގުތު ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން، މިނިސްޓަރ އޮފް ހައުންސިންގ އެންޑް އާރބަން ޑެވެލޮޕްމަންޓް އާމިނަތު އާތިފާ ޝަކޫރާ ބައްދަލުކުރައްވައިފިއެވެ.

އައްޑޫސިޓީގެ ކަންކަން ރާވައި ހިންގުމަށްޓަކައި ކަމާއި ގުޅުންހުރި މިނިސްޓަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ބާއްވަމުން ގެންދާ ބައްދަލުވުންތަކުގެ ތެރެއިން މިނިސްޓަރ އާމިނަތު އާތިފާ ޝަކޫރާ ބައްދަލުކޮށް އެމިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން އޮޅުންފިލުއްވައި، އައްޑޫސިޓީއަށް ހުރި ދަތިތަކުގެ މަޢުލޫމާތު ކައުންސިލުން ވަނީ މިނިސްޓަރާ ހިއްސާކޮށްފައެވެ.

އައްޑޫސިޓީ ކައުންސިލާއި މިނިސްޓަރ އާމިނަތު އާތިފާ ޝަކޫރާ ދެމެދު ދެކެވުނު ވާހަކަފުޅުގައި އައްޑޫއިން ގޯތިއާއި ފްލެޓް ދިނުމުގައި ދިމާވެފައި މައްސަލަތައް ހައްލުކުރުމާއި، އަލަށް ގޯތި ދޭން ކުރެވިފައިވާ އިޢުލާނާއި ގުޅިގެން ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ދޫކުރެވި ހަވާލުކޮށްފައި މަސައްކަތްނުކޮށް ގިނަ އަހަރުތަކެއްވެފައިވާ ބިންތައް ހުރުމުން ތަރައްޤީއަށް ހުރަސް އެޅެމުންދާކަން ކައުންސިލުން ވަނީ މިނިސްޓަރ ގެ ސަމާލުކަމަށް ގެނެސްދެއްވާފައެވެ.

މީގެ އިތުރުން އުސްކޮށް އިމާރާތް ކުރުމާ ބެހޭ ގޮތުންނާއި ޕްލޭނިންގ ކޯޑް އަދި ބިލްޑިންގ ކޯޑް އާ ބެހޭގޮތުން އަދި ލޭންޑް ޔޫޒް ޕްލޭން ރިވިއު ކުރުމާއި ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވެނުވެ.

ހައުންސިންގ މިނިސްޓްރީ އަކީ ނިމިގެންދިޔަ ސަރުކާރުގައި އެމިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގަމުންދިޔަ ގިނަ މަސައްކަތްތަކާ ގުޅިގެން އާންމުންގެ ޝަކުވާ ހުށެހެޅެމުންދިޔަ މިނިސްޓްރީއެކެވެ. ހާއްސަކޮށް، ބިންބިމާއި ގޯތި ދޫކުރުމާއި، ފްލެޓް ހަވާލުކުރުމުގެ މައްސަލަ ބޮޑުވިއެވެ. އާސަރުކާރު ފެށުނުއިރު އެމައްސަލަތައް ހުރީ ޖަވާބުދާރީ ނުވެވި ދޫކޮށްލެވިފައެވެ. އެތަށް ރައްޔިތުންނެއްގެ ހައްޤަށް އަރައިގެނެވިފައެވެ. މިކަންކަން ހައްލުކުރުމަކީ މިސަރުކާރަށް ކުރަންޖެހިފައިވާ މުހިއްމު އަދި އުދަގޫ މަސައްކަތެކެވެ.