އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލުން އިސްލާމިކް މިނިސްޓަރާއި އަދި ހޯމް މިނިސްޓަރާ އެކު ބައްދަލުވުންތައް ބާއްވައިފި

22 ނޮވެމްބަރ 2018     5 years ago


ކައުންސިލުން އިސްލާމިކް މިނިސްޓަރާއި އަދި ހޯމް މިނިސްޓަރާ އެކު ބައްދަލުވުންތައް ބާއްވައިފި

ކައުންސިލުން މިއަދު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަހުމަދު ޒާހިރު އާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް، އިމްރާން އަބްދުﷲ އާއި ބައްދަލުކޮށް އެ ދެމިނިސްޓްރީއާއި ގުޅުންހުރި އައްޑޫސިޓީގެ ކަންކަން ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ކައުންސިލުން މިނިސްޓްރީތަކާއެކު ބާއްވަމުން ގެންދާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ފުރަތަމަ ބައްދަލުވުން ބޭއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަހުމަދު ޒާހިރުއާ އެކުއެވެ. މިބައްދަލުވުމުގައި އައްޑޫސިޓީގެ މިސްކިތްތައް މަރާމާތު ކުރުމާއި ބެލެހެއްޓުމުގައި ހުރި ދަތިތަކުގެ މަޢުލޫމާތު ކައުންސިލުން އިސްލާމިކް މިނިސްޓަރާ ހިއްސާކުރެއްވިއެވެ. އަދި ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުމުގައި ހުރި ދަތިތަކާއި، ފިޠުރު ޒަކާތާއި މުދަލު ޒަކާތާ ބެހޭ ކަންކަން އިންތިޒާމު ކުރުމުގައި ހުރި ދަތިތަކުގެ މައުލޫމާތުވެސް ކައުންސިލުންވަނީ ހިއްސާކޮށްފައެވެ.

ކުރީގެ ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިސްކިތްތައް ބެލެހެއްޓުމަށްޓަކައި ކޮންޓްރެކްޓް އުސޫލުން އެކި ފަރާތްތަކާ ހަވާލުކޮށްފައިވެއެވެ. ނަމަވެސް އެފަރާތްތަކުގެ މައިގަނޑު މަސައްކަތަކީ މިސްކިތް ފޮޅާ ސާފުކުރުމާއި ކުދި މަރާމާތުތައް ކުރުން އެކަނި ކަމަށްވެފައި، ގިނަ މިސްކިތްތަކަކީ ބޮޑެތި މަރާމާތުތައް ކުރަން ޖެހިފައިވާ މިސްކިތްތަކެއްކަމުން، އަދިވެސް އެމިސްކިތްތަކަށް ބޭނުންވާ މަރާމާތުތައް ވަނީ ނުކުރެވިފައެވެ.

އާ ސަރުކާރާއެކު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވައުދުތަކުގެ ތެރޭގައި މިސްކިތާއި، ލައިބްރަރީ، ކޮންފަރެންސް ހޯލާއި، ޤުރުއާނާއިބެހޭ މަރުކަޒެއް ހިމެނޭ 2000 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެއް އައްޑޫގައި ބިނާކުރުމަށް ވައުދުވެވަޑައިގަންނަވާފައިވެއެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ފުޅާކޮށް، ނަސޭހަތްތެރިވާ އިލްމުވެރިންގެ ވަޒީފާ މިސްކިތްތަކުގައި އުފެއްދުން ހިމެނެއެވެ.

ކައުންސިލުން މިއަދު ބޭއްވި ދެވަނަ ބައްދަލުވުމަކީ މިނިސްޓަރ އޮފް ހޯމް އެފެއާޒް، ޝައިޚް އިމްރާން އަބްދުﷲ އާއެކު ބޭއްވި ބައްދަލުވުމެވެ. މިބައްދަލުވުމުގައި އައްޑޫސިޓީގެ ވެށި އަމާން އަދި ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ސިޓީ ޕޮލިސްއެއް ގެގޮތުގައި އައްޑޫގެ ޕޮލިސް އިންތިޒާމުކުރުމާއި ގުޅޭގޮތުންނާއި، އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ ސްޓަޑީސް އެންޑް ލޯ އެންފޯސްމެންޓް ގެ މަސައްކަތްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކުރެވުނެވެ.

މިބައްދަލުވުމުގައި އައްޑޫގައި ހުންނަ ސްޓޭޓް ހައުސްގެ ކުރިމަގާއި ގުޅޭގޮތުންވެސް ވާހަކަދެކެވުނެވެ. ސްޓޭޓް ހައުސް މިވަގުތު ދަނީ ފުލުހުންގެ ބޭނުންތަކަށް ދޫކުރެވިފައެވެ.