އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ހޮވުނު މެންބަރުން އިފްތިތާޙްކޮށްފި

4 ޑިސެމްބަރ 2018     5 years ago


އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ހޮވުނު މެންބަރުން އިފްތިތާޙްކޮށްފި

މިދިޔަ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ކާމިޔާބުކޮށް ކޮމިޓީގެ 3 ވަނަ ދައުރަށް ހޮވިވަޑައިގަތް މެންބަރުން އިފްތިތާޙްކޮށްފިއެވެ.

މިރަސްމިއްޔާތުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ހޮވުނު 7 މެންބަރުންވަނީ މެންބަރުކަމުގެ އިޤްރާރުގައި ސޮއިކޮށްފައެވެ. މިމެންބަރުންގެ ތެރެއިން ހިތަދޫ ދެކުނު ދާއިރާއަށް ހޮވުނު މެންބަރުފިޔަވައި ދެން ހޮވުނު ހުރިހާ މެންބަރުންނަކީވެސް ކޮމިޓީއަށް އަލަށް ހޮވޮނު ބޭފުޅުންނެވެ.

މިރަސްމިއްޔާތުގައި ނިމިގެންދިޔަ ދައުރުގެ ރައީސާކަން ކުރެއްވި ޝެހެނާޒް ރަޝީދު އެބޭފުޅާގެ ދައުރުގައި ހިންގުނު ބައެއް ކަންކަމަށް އަލި އަޅުވައި އެކަންކަމުގައި އެހީތެރިވި ފަރާތްތަކަށް ޝުކުރުއަދާކޮށް ވާހަކަދެއްކިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 3 ވަނަ ދައުރުގެ މެންބަރުން އިފްތިތާޙް ކުރުމުގެ ހަފްލާ ބޭއްވީ އިއްޔެ ޝަރަފުއްދީން ސްކޫލް ހޯލްގައެވެ. މިރަސްމިއްޔާތުގައި ނިމިގެންދިޔަ ދައުރުގެ މެންބަރުންކޮށްދެއްވި މަސައްކަތް ފާހަގަކޮށް ކައުންސިލުން އެބޭފުޅުންނަށް ހަނދާނީ ލިޔުމެއް ދެއްވިއެވެ. މިލިޔުން އެބޭފުޅުންނާ ހަވާލުކޮށްދެއްވީ މޭޔަރ އަބްދުﷲ ޞާދިޤްއެވެ.