އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުޅި ރާއްޖެ ސާފުކުރުމުގެ ޤައުމީ ކެމްޕެއިން މާދަމާ ފަށަނީ

7 ޑިސެމްބަރ 2018     5 years ago


މުޅި ރާއްޖެ ސާފުކުރުމުގެ ޤައުމީ ކެމްޕެއިން މާދަމާ ފަށަނީ

"ސާފު ރާއްޖެ، އަހަރެންގެވެސް ޒިންމާ" މި ޝިއާރުގެ ދަށުން މުޅި ރާއްޖެ ސާފުކުރުމުގެ ޤައުމީ ހަރަކާތް މާދަމާ ހެނދުނު 7:30 ގައި  ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިހަރަކާތް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުރިއަށްދާއިރު އައްޑޫގައި މިހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ގައުކެނޑި ސަރަހައްދުންނެވެ.

ރާއްޖެ ސާފުކުރުމުގެ ޤައުމީ މިހަރަކާތުގައި ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކުންނާއި، އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އަމިއްލަ ފަރަދުންނަށްވެސް މިހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިހަރަކާތުގެ ދަށުން އާންމުތަންތަނާއި، ގޮނޑުދޮށާއި، ފަޅުތެރެ ސާފުކުރުމަށް ވަނީ ރާވާފައެވެ.

މިހަރަކާތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވިގޮތުގައި މިހަރަކާތަކީ ދިވެހިން އެދޭފަދަ ޖަޒީރާ ރާއްޖެއަކަށް ހެދުމަށްޓަކައި ފަށާ ކެންޕޭނެއް ކަމަށެވެ. އަދި އެކަން ކުރެވޭނީ އަމިއްލަ ކުންޏަށް އަމިއްލައަށް ޒިންމާވެގެން ކަމުގައެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ރާއްޖޭ ސާފުކުރުމުގެ ހަރަކާތެއް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.