އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫއަށް ވަޑައިގަންނަވައިފި

12 ޑިސެމްބަރ 2018     5 years ago


ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫއަށް ވަޑައިގަންނަވައިފި

ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫސިޓީއަށް ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނު އައްޑޫސިޓީއަށް ވަޑައިގަތީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. މިދަތުރުފުޅުގައި ނައިބު ރައީސްގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފާއި ސްޓޭޓް މިނިސްޓަރ އައިޝަތު ރަޝީދު އަދި ސްޓޭޓް މިނިސްޓަރ ޑރ. ޝާހް އަބުދުﷲ މާހިރުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އައްޑޫސިޓީއަށް ވަޑައިގެން ނައިބު ރައީސް އެންމެ ފުރަތަމަ ޒިޔާރަތް ކުރެއްވީ ހުޅުދޫ އަދި މީދޫއަށެވެ. މިޒިޔާރަތުގައި އެމަނިކުފާނުވަނީ ހުޅުމީދޫ ހެލްތު ސެންޓަރަށް ވަޑައިގެން ތަނުގެ ހާލަތު ބައްލަވައި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އެއަށްފަހު ކައުންސިލްގެ އިދާރާއަށް ވަޑައިގެން ކައުންސިލަރުންނާވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފެއެވެ.

ނައިބު ރައީސްގެ ދަތުރުފުޅުގައި މިއަދު ހިތަދޫއާއި މަރަދޫ އަދި ފޭދޫ ސިއްޙީ މަރުކަޒުތަކަށާއި މަރަދޫ ފޭދޫ ދަމަނަވެއްޓަށް ޒިޔާރަތް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި އަޅާ ޓާޝަރީ ހޮސްޕިޓަލަށާއި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ އަދި އާފްޓަރކެއަރ ރިހަބިލިޓޭޝަން ސެންޓަރަށްވެސް ޒިޔާރަތް ކުރައްވާނެއެވެ.

ނައިބު ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު އެމަނިކުފާނު އައްޑޫސިޓީއަށް މިކުރައްވާ ފުރަތަމަ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ފުވައްމުލަކު ސިޓީއަށް މިރޭގެ ވަގުތެއްގައި ފުރައިވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.