އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށް ޕަބްލިކް ވޯކްސް އާއި ކައުންސިލުން ބައްދަލުކުރައްވައިފި

23 ޑިސެމްބަރ 2018     7 months ago


މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށް ޕަބްލިކް ވޯކްސް އާއި ކައުންސިލުން ބައްދަލުކުރައްވައިފި

އައްޑޫސިޓީގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ޕަބްލިކް ވޯކްސް ސާރވިސަސްއާއި ކައުންސިލުން މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމުގައި ތާރުމަގުތަކުގައި ހަލާކުވެފައިވާ ތަންތަން ހެދުމަށާއި، ވެލިމަގުތައް ކަހައި އެއްވަރުކޮށް، އެކިއެކި ބޭނުންތަކުގައި ނައްޓާފައިވާ ޕޭވްމަންޓް ގާތައް އަލުން އަޅައި މަގުތައް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ވީއެންމެ އަވަހަކަށް ފެށުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި މަސައްކަތް ފެށުމަށް ހުރި ގޮންޖެހުންތައް ބަލައި އެކަންކަން ހައްލު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މަޝްވަރާ ކުރެވުނެވެ.

ގިނަދުވަސްތަކެއް ވަންދެން މަރާމާތުނުކުރެވި ދޫކޮށްލެވިފައި ވުމުގެ ސަބަބުން އައްޑޫގެ އަވަށްތަކުގެ މަގުތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް އުދަނގުތަކާއި ގެއްލުންތައް ދަނީ ލިބެމުންނެވެ. ވަކިން ހާއްސަކޮށް އެކިއެކި ބޭނުންތަކުގައި މަގުތައް ކޮނެ ޕޭވްމަންޓް ގާ ނައްޓާ ބައެއް ފަރާތްތަކުން ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް މަސައްކަތްކުރުމުގެ ސަބަބުން މަގުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދި ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް ވަނީ އުދަނގޫތަކާ ކުރިމަތިލާން ޖެހިފައެވެ.

މިކަން ހުއްޓުމަކަށް ގެނައުމުގެ ގޮތުން ކައުންސިލުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަގު ކޮނުމަށް ދޫކުރެވިފައިވާ ހުއްދަތައް ބާތިލްކޮށް މަގުތައް ކޮނުމަށް ކައުންސިލްގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ނިންމާފައެވެ.

 

ރައްޔިތުންނަށް ވެލި ދޫކުރަން ފެށުން

 

މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ފެށުމުގެ އިތުރުން ފޭދޫގައި ހިއްކާފައިވާ ސަރަހައްދުގައި ވާ ވެލި ފުނިތަކުން އެކިއެކި ބޭނުންތަކުގައި ރައްޔިތުން ގަނެފައިވާ ވެލި އެފަރާތްތަކަށް ލިބޭނެ އިންތިޒާމް މާދަމާއިން ފެށިގެން ކުރިއަށް ގެންދިޔުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ނިންމުނެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ވެލި ދޫކުރުމަށްފަހު އެހެން އަވަށްތަކަށްވެސް ވެލި ދޫކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ.