އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި ސީސީޓީވީ ކެމެރާހަރުކޮށް ކެމެރާ ސަވައިލެންސް ސިސްޓަމް އިފްތިތާހު ކޮށްފި

18 ޑިސެމްބަރ 2013     10 years ago


އައްޑޫ ސިޓީ ގައި ސީސީޓީވީ ކެމެރާ ހަރުކޮށް ކެމެރާ ސަވައިލެންސް ސިސްޓަމް މިއަދު އިފްތިތާޙް ކޮށްފިއެވެ. މިކަމަށްޓަކައި މިއަދު އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސީސީޓީވީ ކެމެރާ ސިސްޓަމް އިފްތިތާޙް ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުއާއި އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤްއެވެ.

ކެމެރާ ސިސްޓަމް އިފްތިތާހްކޮށްދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ދެއްކެވި ވާހަކަފުޅުގައި އައްޑޫ ސިޓީގެ ފަސް ސަރަހައްދެއްގައި ކެމެރާ ހަރުކުރުމަށް ނިންމާފައިވާކަމަށާއި އެ ސަރަހައްދުތަކުގައި ހަރުކުރެވޭ ކެމެރާތައް މާ ލަސްތަކެއް ނުވެ ހަރުކުރެވިގެން ދާނެކަމަށް ވިދާޅުވިއެވެ. އަދި މި މަސައްކަތަށް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ވެދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އައްޑޫ ސިޓީ މޭޔަރަށާއި އައްޑޫ ސިޓީ ކައުންސިލަށް ޝުކުރު އަދާކުރެއްވިއެވެ.

އައްޑޫ ސިޓީ މޭޔަރ ޢަބްދުﷲ ޞާދިޤް މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އައްޑޫ ސިޓީގައި ކެމެރާ ހަރުކުރެވިގެންދާކަމީ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި މިކަމަކީ މިސިޓީގައި އަމާން އޮމާން މުޖުތަމަޢުއެއް ޤާއިމްކުރުމަށްޓަކައި އެޅޭ ވަރަށް ބޮޑު ފިވަޅެއްކަން ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތްތައް ފާހަގަކޮށް ޑިވިޜަން ކޮމާންޑަރ އަލްފާޟިލް އަހްމަދު ޝިފާންއާއި މިސިޓީގައި މަސައްކަތްކުރާ ފުލުހުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަޙީދާއި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިސްވެރިންނާއި އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެއެވެ.

އައްޑޫ ސިޓީގެ އެއް ސަރަޙައްދެއްގައި މިހާރު ކެމެރާ ބަހައްޓާފައިވާއިރު މި ކެމެރާ ބަހައްޓާފައިވަނީ ކުރީގެ ހިތަދޫ ޕޮލިސް ސްޓޭޝަން އަދި މިހާރު އައްޑޫ ސިޓީ ކަސްޓޯޑިއަލް ހުރި އިމާރާތް ކައިރީގައެވެ. މިގެއިތުރުންވެސް އައްޑޫ ސިޓީގެ އިތުރު ހަތަރު ސަރަހައްދެއްގައި ކެމެރާ ހަރުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.