އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް އެކުލަވާލާ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

25 ޑިސެމްބަރ 2018     5 years ago


އައްޑޫގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް އެކުލަވާލާ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ވައުދުނާމާގައި ހިމެނޭ ގޮތަށް އައްޑޫގެ ފަތުރުވެރިކަން ތަރައްޤީކުރުމުގެ ތަސައްވުރު އެކުލަވާލުމުގައި އައްޑޫގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ކައުންސިލްގެ ފަރާތުން ރައްޔިތުންނާއެކު އިއްޔެ ރޭ ބައްދަލުވުމެއް ބާއްވައިފިއެވެ.

އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް އެކުލަވާލާ ތަސައްވުރުގައި އާންމުން ބައިވެރިކޮށް ހިޔާލު ހޯދުމަށް ބޭއްވި މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިސް މެމްބަރު މުޙައްމަދު އަސްލަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވައި ތަރައްޤީކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން ގިނަ ހިޔާލުތަކެއް ޖަލްސާގައި ބައިވެރިވި ފަރާތްތަކުން ވަނީ ހުށަހަޅާފައެވެ. މިގޮތުން އެންމެ ގިނަ ފަރާތްތަކުން ފާހަގަކުރި އެއްކަމަކީ އައްޑޫގައި ފަތުރުވެރިކަމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅައި ދޮންވެލި ތުނޑިއެއް ހެދުން މުހިންމު ކަމަށެވެ. އަދި ފަތުރުވެރިންގެ ގޮތުގައި އައްޑޫއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އައްޑޫއަކީ ސާފުތާހިރު ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ޕްލާސްޓިކާއި ކުނި އެޅުން މެނޭޖްކޮށް، މަދިރިއާއި، މީދާ ފަދަ ބަލި ފަތުރާ ދިރޭ ތަކެތި މަދުކޮށް ކޮންޓްރޯލް ކުރުމަށެވެ. ހަމައެއާކު ފަތުރުވެރިކަމުގެ ޕްލޭން އެކުލަވާލުމުގައި ކައިރި މުސްތަޤްބަލަށާއި ދުރު މުސްތަޤްބަލަށް ވިސްނައި ޕްލޭން އެކުލަވާލުމަށެވެ.

ރޭގެ ޖަލްސާގައި އެންމެ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެއްކަމަކީ ދަތުރުފަތުރުގެ އަގުތައް ބޮޑުވުމެވެ. މިގޮތުން ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ އަގު ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ އަގަށް ވުރެ ބޮޑުކަން ބައެއް ފަރާތްތަކުން ފާހަގަކުރިއެވެ. އަދި ވަކިން ހާއްސަކޮށް ފަތުރުވެރިންނަށް މިކަމުގެ ސަބަބުން ދަތިވާ ކަމަށާއި، އައްޑޫއަށް ފަތުރުވެރިން އައުމުގައި ހުރި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެއީ ކަމުގައިވެސް ބައެއް ފަރާތްތަކުން ފާހަގަކުރިއެވެ.

ފަތުރުވެރިކަމުގެ ތަސައްވުރު އެކުލަވާލުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާވެސް ކައުންސިލުން ވަނީ ރޭ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުން އޮތީ އަތޮޅު މަދުރަސާގައެވެ. ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާއެކު ބޭއްވުނު ބައްދަލުވުން އޮތީ ކައުންސިލްގެ އިދާރާގައެވެ. 

އައްޑޫގެ ފަތުރުވެރިކަމުގެ ޕްލޭނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިހަފްތާގެ ނިޔަލަށް ވަނީ ހުޅުވާލެވިފއެވެ. އެހެންކަމުން ސޯޝަލް މީޑިއާ މެދުވެރިކޮށް ނުވަތަ އީމއެއިލްއިން ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

 

ފަތުރުވެރިކަމަށް ހާއްސަކޮށް ދޮންވެލި ތުނޑިއެއް ހެދުން

 

ވަރަށް ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެކަމަށް ހާއްސަކުރެވިފައިވާ ރީތި ދޮންވެލި ތުނޑިއެއް އޮތުން މުހިންމެވެ. އަމިއްލަ ޤައުމު ދޫކޮށް ޗުއްޓީ ހޭދަކޮށްލަން އަންނަ ފަތުރުވެރި މީހާ އަންނަނީ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި ވަގުތު ހޭދަކޮށްލަން ނޫން ކަމަށާއި، އެމީހުން ރާއްޖެ އަންނަ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ އަޖައިބު ކުރުވަނިވި ރީތި ހުދު ދޮންވެލި ތުނޑިތަކުގެ ހިތްގައިމުކަން ދެކިލުމަށްކަން އެންމެންވެސް ޤަބޫލު ކުރެއެވެ. ނަމަވެސް އައްޑޫއަކީ ބިމުގެ ގޮތުން ތަނަވަސް އަތޮޅަކަށް ވިޔަސް، ރާއްޖޭ އެހެން ކުދި ރަށްތަށް ފަދައިން ރީތި ދޮންވެލި ތުނޑިތަކެއް ހުރި ތަނެއް ނޫނެވެ.

ކަން މިހެން ހުރުމާއެކު އައްޑޫގައި ފަތުރުވެރިކަމަށް ހާއްސަ ތުނޑިއެއް ހެދުމަށް ކައުންސިލުން ވަނީ މިދިޔަ ހަފްތާގެ ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައި ނިންމާފައެވެ. ކައުންސިލްގެ ނިންމުމުގައި އައްޑޫގައި ފަތުރުވެރިކަމަށް އަމާޒުކުރެވިގެން ތުނޑިއެއް ހެދުމަށްޓަކައި ހާއްސަކުރެވޭ ސަރަހައްދުތައް ކަނޑައަޅައި އެސަރަހައްދުތައް ޑިޒައިންކޮށް، ތަނުގެ އީއައިއޭ ހަދައި ޓެކްނިކަލް ސާރވޭ ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްވަނީ ނިންމަވާފައެވެ. އަދި މިޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ޓްރަސްޓް ފަންޑުގައި ޓޫރިޒަމް ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން ފައިސާ ހަރަދު ކުރުމަށް ވަނީ ނިންމަވާފައެވެ.

ކައުންސިލްގެ ނިންމުން: ފަތުރުވެރިކަމަށް ބީޗް ހެދުން