އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިނިސްޓަރ އޮފް ޓޫރިޒަމް އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

10 ޖެނުއަރީ 2019     5 years ago


މިނިސްޓަރ އޮފް ޓޫރިޒަމް އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަޙީދު، އައްޑޫސިޓީ އަދި ފުވައްމުލަކު ސިޓީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު އައްޑުއަށް ވަޑައިގެން އައްޑޫސިޓީ ކައުންސިލާ މިއަދު ހަވީރު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮން ޖެހުންތަކާއި ދަތިތައް މޭޔަރ ވަނީ މިނިސްޓަރަށް ވިދާޅުވެދެއްވާފައެވެ. އަދި ކައުންސިލުން އައްޑޫ ޓުއަރިސްޓް މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައުލޫމާތުވެސް މޭޔަރ މިނިސްޓަރަށް ދެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެމިނިސްޓްރީން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގައެވެ. އެގޮތުން އިންޑިއާގެ މާކެޓްތަކަށް އައްޑޫ ޕްރޮމޯޓް ކުރުމުގެ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށާއި، މިނިސްޓަރ އިންޑިއާ އަށް ކުރެއްވުމަށް ނިންމަވާފައިވާ ދަތުރުފުޅުގައި ކައުންސިލުން ބައިވެރިވުމުގެ ފުރުސަތު ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އައްޑޫ އިންޓަރނޭޝަން އެއަރޕޯޓްގެ އެރައިވަލް އިން ފަތުރުވެރިންނަށް ލިބެން ހުންނަ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރައްވަން ޖެހޭ ކަމަށާއި އެކަމަށް ސަރުކާރުގެ ތެރެއިން ބާރު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އައްޑޫއިން ޓޫރިޒަމް ވިޔަފާރީގެ ބޭނުންތަކަށާއި ގެސްޓްހައުސް ގެ ވިޔަފާރިތަކަށް ބިން ދޫކުރުމުގެ މަސައްކަތް މިނިސްޓްރީ ތެރެއިން ކުރައްވަން މިހާރު ފަށްޓަވާފައިވާ ކަމަށާއި، ހަންކެޑަ ތަރައްޤީކުރުން މިހާރު ހުއްޓިފައި އޮތަސް އެމަސައްކަތް ޖަނަވަރީ މަސް ނިމުމުގެ ކުރިން ކޮޅެއްގައި ޖައްސަވާނެކަމުގެ ޔަގީންކަން  މިނިސްޓަރ، ކައުންސިލަށް ދެއްވިއެވެ.

އައްޑޫގެ ރިސޯޓްތަކުގެ ބައުންޑަރީސް އާއި ގުޅޭގޮތުން މިހާރު ޚިޔާލު ތަފާތުވާ ވާހަކަ ކައުންސިލުން މިނިސްޓަރަށް ދެންނެވުމުން ވިދާޅުވީ، އެމަސައްކަތްވެސް ކުރިއަށް އޮތް ހަފުތާގައި ހައްލުކޮށްދެއްވާނެ ކަމުގައެވެ. އައްޑުއަށް އަންނަ ބައެއް ސަފާރީ ތަކުންނާއި ޔޮޓްތަކުން އަމަލުކުރާގޮތުން ޑައިވިންގ ސައިޓްތަކަށާއި، އައްޑޫގެ ތިމާވެށްޓަށް ބައެއް ކަހަލަ ނޭދެވޭ އަސަރު ކުރިކަމުގައި ވިއަސް އެކަން ކައުންސިލަށް މޮނިޓަރ ކުރެވޭން ނޯންނަ ކަމަށާއި އެހެން އެކަން ދިމާވަނީ  މިފަދަ އުޅަނދުތަކުގެ މައުލުމާތު ކައުންސިލަށް ނުލިބި އޮންނާތީ ކަމުގައި މޭޔަރ ފާހަގަކުރެއްވުމުން މިނިސްޓަރ ވިދާޅުވީ، އައްޑުއަށް އަންނަ އެފަދަ އުޅަނދުތަކުގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން ކައުންސިލާ ހިއްސާ ކުރައްވާ ގޮތަށް ހަމަޖައްސަވާނެ ކަމުގައެވެ. ގެސްޓްހައުސްތަކާއި ރިސޯޓްތައް ކައުންސިލް މެދުވެރިވެގެން  ޗެކް ކުރެވޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އައްޑޫސިޓީ ކައުންސިލުން ތައްޔާރުކޮށްފައިވާ ޕްލޭންތައް  ބެއްލެވި ކަމަށާއި ވަރަށް ފުރިހަމަ ކަމަށް ވިދާޅުވިއެވެ. އަދި ކައުންސިލުން ތައްޔާރުކޮށްފައިވާ ބުކްލެޓާއި މެޕް އެކިއެކި ފެއަރތަކުގައި އެމްއެމްޕީއާރުސީން ބައިވެރިވާއިރު އައްޑޫ ޕްރޮމޯޓްކުރުމުގެ ގޮތުން ބޭނުންކުރެވިދާނެ ކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރ އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި ޓޫރިޒަމް ވިޔަފާރީގެ އެންމެހާ ސްޓޭކްހޯލްޑަރުންނާ މިރޭ ކައުންސިލްގެ އިދާރާގައި ބައްދަލުކުރައްވާނެއެވެ. އަދި އައްޑޫ ނޭޗަރ ޕާކަށް ޒިޔާރަތްކުރުމާއި، ހަންކެޑަ ސަރަހައްދު އަދި ބީޗް ތަރައްޤީކުރުމަށް ގަސްދުކުރާ ތަންތަން ބައްލަވާލެއްވުން ހިމެނެއެވެ.