އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންސީތައް ޗެކް ކުރެވޭނެގޮތް ހެދުމަށް ކައުންސިލްގެ މުވައްޒަފުންނަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

30 ޖެނުއަރީ 2019     5 years ago


ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންސީތައް ޗެކް ކުރެވޭނެގޮތް ހެދުމަށް ކައުންސިލްގެ މުވައްޒަފުންނަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މިނިސްޓްރީ އޮފް ޓޫރިޒަމްގެ މަސައްކަތްތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި އައްޑޫސިޓީ ކައުންސިލްގެ އިދާރާއާއި ހަވާލުކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން މިއަދު ކައުންސިލްގެ އިދާރާގައި ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ، ދިވެހި ސަރުކާރުގެ ސަރަހައްދީ ތަރައްޤީގެ ސިޔާސަތުތަކާއި، ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ބާޔަންކޮށްފައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް ކައުންސިލްތަކާއި ހަވާލުކުރުމަށް ދިވެހި ސަރުކާރުގެ މައިގަނޑު ސިޔާސަތެއްގެ ގޮތުގައި ކަނޑައެޅުމާއި ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމްގެ މަސައްކަތްތައް އައްޑޫސިޓީ ކައުންސިލާ ހަވާލުކުރުމަށް ކައުންސިލްގެ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.

ޓޫރިސްޓް ގެސްޓް ހައުސް އިންސްޕެކްޓް ކުރުމާއި، ޓްރެވަލް އެޖެންސީ އިންސްޕެކްޓް ކުރުމާއި، ޑައިވް ސެންޓަރތައް އިންސްޕެކްޓް ކުރުމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީގެ ޓީމުން ވަނީ ކައުންސިލްގެ މުވައްޒަފުންނަށް މައުލޫމާތު ދެއްވާފައެވެ.  މީގެ އިތުރުން ފަތުރުވެރިކަމުގެ ބޭނުމަށް ކައުންސިލްގެ ބިންތައް ދޫކުރެވޭ އުސޫލާއި، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ މައުލޫމާތު ދެއްވާފައެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން މި ޖަނަވަރީ މަހުގެ ކުރިކޮޅު، މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަޙީދު، އައްޑޫސިޓީ އަށް ކުރެއްވި ދަތުރުފުޅުގައި ކައުންސިލާ ބައްދަލުކުރައްވައި އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެމިނިސްޓްރީން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ. ގެސްޓްހައުސްތަކާއި ރިސޯޓްތައް ކައުންސިލް މެދުވެރިވެގެން  ޗެކް ކުރެވޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރގެ އެ ދަތުރުފުޅަށްފަހު ޓޫރިޒަމް މިނިސްޓްރީ އާއި އައްޑޫސިޓީ ކައުންސިލާ ދެމެދު ވަނީ ވަރަށް ބަދަހި ގުޅުމެއް އުފެދިފައެވެ. މިނިސްޓަރ ގެ ދަތުރުފުޅުގައި ކޮށްދެއްވަން ވިދާޅުވި ކަންކަމުގެ ތެރެއިން ގިނަ ކަންކަން މިހާރު ވަނީ ހާސިލް ކުރެވިފައެވެ. އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވެމުންދާ ކަންކަމުގެ މައުލޫމާތު ޓުރިޒަމް މިނިސްޓްރީން ގެންދަވަނީ ކައުންސިލާ ހިއްސާ ކުރައްވަމުންނެވެ.

މިއަދުގެ މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ސެޓްފިކެޓް ދެއްވުމަށްފަހު މޭޔަރ ދެއްކެވި ވާހަކަފުޅުގައި ޓޫރިޒަމް މިނިސޓްރީން ދެއްވަމުން ގެންދަވާ ޚިދުމަތްތައް އައްޑޫސިޓީ ކައުންސިލް މެދުވެރިކޮށް ދެއްވުމުގެ މަސައްކަތް ފަށްޓަވައި ދެއްވި ކަމަށްޓަކައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދަށް ޝުކުރު އަދާކުރެއްވިއެވެ.