އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގައި ބިޒްނަސް ވިސާގެ ޚިދުމަތް ތަޢާރަފްކޮށްފި

31 ޖެނުއަރީ 2019     5 years ago


އައްޑޫސިޓީގައި ބިޒްނަސް ވިސާގެ ޚިދުމަތް ތަޢާރަފްކޮށްފި

އައްޑޫސިޓީގައި ބިޒްނަސް ވިސާގެ ޚިދުމަތް މިއަދު ތަޢާރަފްކޮށްފިއެވެ.

މިޚިދުމަތް ތަޢާރަފްކޮށްދެއްވީ ގަން އިންޓަނޭޝަނަލް އެއަރޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤްއެވެ. މިރަސްމިއްޔާތުގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު މުޙައްމަދު ހުސައިން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ބިޒްނަސް ވިސާގެ ޚިދުމަތް ތަޢާރަފް ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ސޯދިޤް ވިދާޅުވިގޮތުގައި މިއަދު މިފެށުނު ޚިދުމަތަކީ އައްޑޫއަށް ދަތުރު ކުރާ ފަރާތްތަކަށް ލިބިގެންދާނެ ފަސާހައެއްކަމަށާއި ވިޔަފާރިތަކަށްވެސް މިކަމުން މަގުހުޅުވިގެންދާނެ ކަމަށެވެ. މޭޔަރ އިތުރަށް ވިދާޅުވިގޮތުގައި މިޚިދުމަތުގެ ސަބަބުން އައްޑޫސިޓީއަށް ކުރިއެރުންތައް ލިބިގެންދާނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މިއަދުގެ ރަސްމިއައްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ވިދާޅުވީ ރައްޔިތުންނަށް ލުއިފަސޭހަގޮތްތައް ހޯދައިދިނުމަކީ މިސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެއް ކަމަށާއި ކުރިއަށް އޮތް މުސްތަޤްބަލުގައި މިފަދަ އިތުރު ފަސޭހަތެއް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ކޮންޓްރޯލާ ޖެނެރަލް އަޙްމަދު ވިދާޅުވި ގޮތުގައި އިމިގްރޭޝަންގެ މަސައްކަތްތައް ހަރުދަނާކޮށް ރާއްޖޭގެ އިތުރު ސަރަހައްދުތަކަށްވެސް މިޚިދުމަތް ތަޢާރަފް ކުރައްވާނެ ކަމަށެވެ. އަދި މާގިނަ ދުވަސްތަކެއް ނުކޮށް އައްޑޫއަށް ބިޒްނަސް ވިސާގެ އިތުރުން ވޯކް ވިސާގެ ޚިދުމަތް ވެސް ތަޢާރަފް ކުރައްވާނެ ކަމަށެވެ.

މިއަދު މިފެށުނު ޚިދުމަތާއެކު މާލެ ސިޓީ ފިޔަވައި އެންމެ ފުރަތަމަ ބިޒްނަސް ވިސާ ދޫކުރެވޭ ރާއްޖޭގެ ސަރަހައްދަކީ އައްޑޫސިޓީއެވެ.