އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރަށް ގިރުމާއި ގުޅޭ ގޮތުން ހަދާ ސާވޭގެ މަސައްކަތް ފަށައިފި

4 ފެބުރުއަރީ 2019     2 weeks ago


ރަށް ގިރުމާއި ގުޅޭ ގޮތުން ހަދާ ސާވޭގެ މަސައްކަތް ފަށައިފި

އައްޑޫސިޓީގައި ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައި މިންވަރު ބަލައި އެސަރަހައްދުތައް ދެނަގަތުމަށްޓަކައި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ ޓީމަކުން މިއަދު މަސައްކަތް ފަށައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޖައިކާއިން ފަށާ މި ސާވޭއަކީ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދައި އެފަދަ މައްސަލަތައް ކުރިމަތިވަމުންދާ ރަށްތަކަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަ ރަށްތަކަކަށް ހެދުމަށްޓަކައި ބޭރުގެ އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލް ތައްޔާރުކުރަމަށް ހަދާ ސާވޭއަކެވެ. މިސާވޭގައި އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރެވޭ ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) އަށެވެ.

މިސާވޭގައި އައްޑޫސިޓީގެ ހިތަދޫ، މަރަދޫ، ފޭދޫ އަދި ހުޅުމީދޫގައި ރަށް ގިރުމުގެ މައްސަލަކުރިމަތިވެފައި އެކި ސަރަހައްދުތަކުގައި ޖައިކާގެ ޓީމުން ހަރަކާތްތެރިވާނެއެވެ. މިގޮތުން އެސަރަހައްދުތަކުގެ މޫދުގެ ރާޅާއި އޮއިވަރު ހުރި ގޮތާއި، އަޑި ގުޑަން ހުރި ގޮތާއި ފުންމިންތައް ބެލުމަށް ބަތިމެޓްރިކް އަދި ޓޮޕޮގްރަފިކް ސާވޭ ހެދުމާއި، ބީޗް ސާވޭ އަދި ފަރުގެ ހާލަތު ދެނެގަތުމަށް ޓީމުގެ ފަރާތުން މަސައްކަތްތަކެއް ކުރާނެއެވެ. އެއަށްފަހު އެންމެ ބޮޑަށް މައްސަލަތައް ކުރިމަތިވެފައިވާ ސަރަހައްދުތައް ދެނަގަނެ އެމައްސަލަތަކާ ގުޅޭގޮތުން ރިޕޯޓް ތައްޔާރު ކުރުމަށްފަހު ޕްރޮޕޯސަލް ޑްރާފްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ރަށްތަކަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކާއި ރަށްގިރުމުގެ މައްސަލަތައް ދެނެގަތުމަށް ޖައިކާގެ ޓީމުން ހަދާ މިސާވޭ ލާމު އަތޮޅާއި މާލެ ސިޓީގައި ވެސް ކުރިއަށް ދާނެއެވެ. ސާވޭގެ މަސައްކަތް ނިންމައި ފައިނަލް ރިޕޯޓް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ އެޕްރީލް މަހުއެވެ.