އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އުތުރާއި ދެކުނުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފަށަނީ

28 ސެޕްޓެމްބަރ 2016     7 years ago


ހިތަދޫ އުތުރާއި ދެކުނުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފަށަނީ

އައްޑޫސިޓީގެ ހިތަދޫ އުތުރާއި ދެކުނުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ވަނީ ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހު  މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ(އެމްޑަބްލިޔޫއެސްސީ) އާ ހަވާލުކޮށްފައެވެ. މި މަސައްކަތުގެ މުއްދަތަކީ 15 މަސް ދުވަހެވެ. 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ވިދާޅުވީ، އެމްޑަބްލިޔޫއެސްސީ އިން ނަރުދަމާގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މި މަސައްކަތުގެ ތެރޭގައި މަޝްރޫޢުގެ ޑީޓެއިލް ޑިޒައިން ތައްޔާރުކުރުމާއި، ނަރުދަމާ ހޮޅި އެޅުމާއި ގޭގެއަށް ގުޅައިދިނުމާއި، ލިފްޓިންގ ސްޓޭޝަން ބެހެއްޓުމާއި، ޕަމްޕިންގ ސްޓޭޝަން ބެހެއްޓުމާއި، ސީ އައުޓްފްލޯ އެޅުން ހިމެނޭ ކަމަށެވެ.

ޕީއެސްއައިޕީގެ ދަށުން ހިންގާ މި ޕްރޮޖެކްޓްގެ އަގަކީ، 109,008,738.11 ރުފިޔާއެވެ.

މި މަސައްކަތުގެ ޑީޓެއިލް ޑިޒައިން ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށާއި ސައިޓް އިންސްޕެކްޝަން ހެދުމަށް އެމްޑަބްލިޔޫއެސްސީ ގެ ސަރވޭ ޓީމެއް މާދަމާ އައްޑޫސިޓީ އަށް އަންނަގޮތަށް ހަމަޖެހިފައިވެއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ސާފުބޯފެނުގެ ޚިދުމަތް ދިނުމަށް 2012 ގައި ސަރުކާރުން ވަނީ މަޝްރޫޢެއް އެކުލަވާލާ ހިތަދޫގެ ބޮޑު ބަޔަކަށް ފެންހޮޅިއަޅާ ގޭގެއަށް ފެންހޮޅި ވައްދާފައެވެ.