އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓޫރިޒަމް މިނިސްޓަރ އައްޑޫސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ހަމަޖެހިގެންދިޔަ ބައެއް ކަންތައް

17 ފެބުރުއަރީ 2019     5 years ago


ޓޫރިޒަމް މިނިސްޓަރ އައްޑޫސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ހަމަޖެހިގެންދިޔަ ބައެއް ކަންތައް

މިއަހަރުގެ ޖަނަވަރީ 10 ން 12 އަށް މިނިސްޓަރ އޮފް ޓޫރިޒަމް އޮނަރަބްލް އަލީވަހީދު އައްޑުއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވާ އެމިނިސްޓްރީގެ ދާއިރާއާ ގުޅޭ ކަންކަމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. މިމަޝްވަރާ ތަކުގައި، އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތައް ކޮށްދެއްވާނެ ކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައިވެއެވެ. މިނިސްޓަރުގެ މިދަތުރުފުޅާ ގުޅިގެން ގިނަ ކަންތައްތަކެއްވަނީ ހަމަޖެހިގެންގޮސްފައެވެ. މިގޮތުން ހަމަޖެހިގެންދިޔަ ކަންތައްތަކުގެ ތެރޭގައި:-

  1. އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން އިންޑިއާގެ މާކެޓްތަކަށް އައްޑޫ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، މިނިސްޓަރ އިންޑިއާ އަށް ކުރެއްވުމަށް ނިންމަވާފައިވާ ދަތުރުފުޅުގައި ކައުންސިލުން ބައިވެރިވުމުގެ ފުރުސަތު ދެއްވާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން މި ފެބްރުވަރީ 21ން 23 އަށް އިންޑިއާގެ ނިއުދިއްލީގައި ބޭއްވޭ "5 ވަނަ ގްލޯބަލް ސަމިޓް" ގައި ބައިވެރިވުމަށް މޭޔަރަށް މިހާރު ވަނީ ދައުވަތު ލިބިވަޑައިގެންފައެވެ. މި ސަމިޓްގައި އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްފަރާތްތަކެއް ބައިވެރިވެއެވެ.
  2. މިނިސްޓަރުގެ މިދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކަށްފަހު، މިނިސްޓްރީ އޮފް ޓޫރިޒަމްގެ މަސައްކަތްތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، ފަތުރުވެރިން ބައިތިއްބާ ތަންތަން ރަޖިސްޓްރީކުރުން އަދި ރަޖިސްޓްރީ އާކުރުމަށް ކުރެވޭ އިންސްޕެކްޝަންތައް ހިންގުމަށްޓަކައި އައްޑޫސިޓީ ކައުންސިލްގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަކުރެވިގެން ތަމްރީން ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.
  3. ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެ ކައުންސިލެއްގެ އިހުތިސާސްގައި ހިމެނޭ ކަންތައްތައް ތަންފީޒު ކުރުމަށް ކައުންސިލުން އެކުލަވާލަމުން ގެންދަވާ ޕްލޭންގައި ފަތުރުވެރިކަން ތަރައްޤީކުރުމާ ގުޅުންހުރި ކަންކަން އެކުލަވާލުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް އެމިނިސްޓްރީން އައްޑޫސިޓީ ކައުންސިލަށް އަންގަވާފައިވެއެވެ. 
  4.  ޝަންގްރިއްލާ ވިލިނގިލި ރިޒޯޓުގައި ހުރި "ޑެކޯ ޗެމްބަރ" ގެ ޚިދުމަތް ނުހުއްޓި ކުރިއަށް ގެންދެވޭނެ މަގުފަހިވުން ހިމެނެއެވެ. މިކަމާގުޅޭގޮތުން ސަރުކާރުގެ އެހެނިހެން އިދާރާތަކާއި ކުރެއްވި މަޝްވަރާތަކަށްފަހު މިކަމަށް ހައްލެއް ހޯދިފައިވާ ކަމަށާއި އެ ޗެމްބަރ އައްޑޫސިޓީ ހިތަދޫ ހޮސްޕިޓަލަށް ބަދަލުކޮށް އެ ޚިދުމަތް ނުހުއްޓި އައްޑޫސިޓީން ލިބިގެންދާނެ ކަމުގެ ޔަގީންކަން އެމިނިސްޓްރީއަށް ދެއްވާފައިވާ ކަމުގައި ޓޫރިޒަމް މިނިސްޓްރީން އައްޑޫސިޓީ ކައުންސިލަށް ވަނީ އަންގަވާފައެވެ.

މިނިސްޓަރުގެ މިދަތުރުފުޅުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރެއިން، ދެކުނުގެ ތިން އަތޮޅުކަމުގައިވާ އައްޑޫ، ފުވައްމުލައް އަދި ހުވަދުއަތޮޅުގެ ކަނޑުދަތުރު ޚިދުމަތާ ގުޅިގެން ފާހަގަކުރެވިފައިވާ ކަންތައްތައް ހައްލުކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރާ ޓޫރިޒަމް މިނިސްޓްރީން ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިގޮތުން އައްޑޫސިޓީގައި ދެމުންދާ ލޯންޗުގެ ޚިދުމަތް ރަނގަޅުކުރުމުގެ ގޮތުން އިތުރު ލޯންޗެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް 3 މަސް ތެރޭގައި 30 މީހުންގެ ޖާގައިގެ އިތުރު ލޯންޗެއްގެ ޚިދުމަތް ފެށިގެންދާނެ ކަމަށާއި، ލޯންޗް ބުކްކުރުމަށް އޮންލައިން ސަރވިސް ސިސްޓަމެއް ހެދި މިހާރު ޓްރައަލްކޮށް ބޭނުން ކުރަމުންދާ ކަމާއި، ގާތްގަނޑަކަށް މަހެއްހާ ދުވަސްތެރޭގައި މި ސިސްޓަމް އެއްކޮށް ބޭނުންކުރަން ފެށޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ޕްރައިވެޓްކޮށް ލޯންޗް ހިފާ އަގުތައް 10،000ރުފިޔާ އިން 7،500.0ރުފިޔާ އަށް މިހާރު ތިރިކުރެވިފައިވާކަން، އައްޑޫސިޓީ ކައުންސިލަށް، ޓޫރިޒަމް މިނިސްޓްރީން އަންގަވާފައިވެއެވެ.