އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެޗްއާރު ސަމިޓް އެންޑް އެކްސްޕޯ އަންނަމަހު އައްޑޫގައި ބާއްވަނީ

21 މާރޗް 2019     5 years ago


އެޗްއާރު ސަމިޓް އެންޑް އެކްސްޕޯ އަންނަމަހު އައްޑޫގައި ބާއްވަނީ

އެޗްއާރު މޯލްޑިވްސްގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ އެޗްއާރު ސަމިޓް އެންޑް އެކްސްޕޯ މިފަހަރު އައްޑޫގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އެޗްއާރު ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މިއެކްސްޕޯ އޮންނާނީ އަންނަ އެޕްރީލް މަހުގެ 26 އަދި 27 ވަނަ ދުވަހު އީކުއޭޓަރ ވިލެޖްގައެވެ.

އެޗްއާރު މޯލްޑިވްސްގެ ސީއީއޯ އާދަމް އިބްރާހިމް މިއަދު އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައި ދެއްވި މަޢުލޫމާތުގައި ވިދާޅުވީ އެޗްއާރު ސަމިޓް އެންޑް އެކްސްޕޯ ކުރިއަށްދާނީ ތިން ބަޔަކަށް ކަމަށެވެ. އެގޮތުން އެޕްރީލް މަހުގެ 26 ވަނަ ދުވަހު ސްކޫލްތަކުގެ ގްރޭޑް 10 އަކުން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކެރިއާ ގައިޑެންސް ސެޝަނެއް ބާއްވާނެކަމަށެވެ. އަދި އެދުވަހު ރޭގަނޑު އެޗްއާރުގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ 50 ފަރާތަށް ދެވޭ އެވޯޑް ދިނުމުގެ ހަފްލާއެއް އޮންނާނެކަމަށެވެ. އެއަށްފަހު އެޕްރީލް 27 ވަނަ ދުވަހުގެ ހެނދުނު 9 އަކުން ފެށިގެން އެޗްއާރު ސަމިޓް އޮންނާނެއެވެ.

މިސަމިޓުގައި ބޭރުގެ ފަރާތްތަކާއި ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ އެޗްއާރު ދާއިރާގެ ފަރާތްތައް ހިމެނިގެން ދާއިރާއާއި ގުޅޭ ޕްރެޒެންޓޭޝަން އަދި ޑިސްކަޝަންސްތަކާއި ދާއިރާގެ މީހުންގެ ހިޔާލު ބަދަލުކުރުން ކުރިއަށް ދާނެއެވެ.

އެޗްއާރު ސަމިޓް އެންޑް އެކްސްޕޯގެ މިއަހަރުގެ ތީމަކީ 'އެޗްއާރު އޮޓޮމޭޝަން – ދަ ފިއުޗަރ އޮފް ޕީޕަލް މެނޭޖްމަންޓް' އެވެ.