އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ މީދޫ ބޮޑު މަގުގައި ތާރު އެޅުމުގެ މަސައްކަތް ނައިބު ރައީސް އިފްތިތާޙު ކޮށްދެއްވައިފި

4 އެޕްރީލް 2019     5 years ago


ހުޅުދޫ މީދޫ ބޮޑު މަގުގައި ތާރު އެޅުމުގެ މަސައްކަތް ނައިބު ރައީސް އިފްތިތާޙު ކޮށްދެއްވައިފި

ހުޅުދޫ މީދޫ ބަހާއުއްދީން މަގުގައި ތާރު އެޅުމުގެ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ. މިމަޝްރޫޢު އިފްތިތާޙު ކުރުމަށް ބޭއްވުނު ރަސްމިއްޔާތު އޮތީ ސ.އަތޮޅު މަދުރަސާ ކުރިމަތިން ހުޅުދޫ އަދި މީދޫ ދެބައިވާ ހިސާބުންނެވެ.  
އެމްޓީސީސީއާއި ހަވާލުކޮށްގެން އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުއަކީ 32 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގައި 2 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށްވަނީ ހަމަޖެހިފައެވެ. 
މަޝްރޫޢު އިފްތިތާޙުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ އައްޑޫގެ ތަރައްޤީއަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވަވާކަމަށާއި މިސަރުކާރަކީ ކަން ކޮށްދެއްވާނެ ސަރުކާރެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫޢުތަކަކީ ކޮލިޓީ ސްޓެންޑަޑް ހިފަހައްޓާ މަޝްރޫޢުތަކެއްގޮތުގައި ހެދުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވަވާ ކަމަށެވެ. އެހެންކަމުން ނިމިދިޔަ ސަރުކާރުން ރާއްޖޭގެ ބައެއް ރަށްރަށުގައި ހިންގި މަޝްރޫޢުތަކުގައި ވީ ގޮތަށް މަޝްރޫޢު ނުނިމެނީސް އެޅި ތާރު އަލުން ޕެޗް ކުރަން ނުޖެހޭނެ ފެންވަރަށް މަސައްކަތް ކުރުމަކީ މިސަރުކާރުން ވިސްނުން ގެންގުޅުއްވާ ގޮތް ކަމަށެވެ.
ހުޅުދޫ މީދޫ ބަހާއުއްދީން މަގުގައި ތާރު އެޅުމުގެ މަސައްކަތް އިފްތިތާޙުކޮށްދެއްވުމަށް ނައިބު ރައީސް ހުޅުދޫ މީދޫއަށް މިއަދު ކުރެއްވި ޒިޔާރަތުގައި މީދޫގައި ގޮޑުދޮށް ގިރަމުންދާ ބައެއް ސަރަހައްދުތައް ވަނީ އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.