އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ ސިއްހީ ޚިދުމަތްތައް ރަނގަޅުކުރުމަށް އެޗްއާރުއެޗް އާއެކު ކައުންސިލުން މަޝްވަރާކުރައްވައިފި

22 އެޕްރީލް 2019     5 years ago


އައްޑޫގެ ސިއްހީ ޚިދުމަތްތައް ރަނގަޅުކުރުމަށް އެޗްއާރުއެޗް އާއެކު ކައުންސިލުން މަޝްވަރާކުރައްވައިފި

އައްޑޫގެ ސިއްޙީ ނިޒާމު އޮތް ދެރަވަރު ހާލަތުން އަރައިގަނެ ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ހޮސްޕިޓަލަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން މިއަދު ކައުންސިލުން ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރައްވައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި ހޮސްޕިޓަލުގެ ހާލަތާ ގުޅޭގޮތުން ކައުންސިލަށް މަޢުލޫމަތު ދެއްވެވީ އެޗްއާރުއެޗް ގެ ޑިރެކްޓަރ ޝާހް ސައީދުއެވެ.

މިބައްދަލުވުމުގައި ހޮސްޕިޓަލަށް ދިމާވެފައިވާ 92 މައްސަލައެއް ޝާހް ވަނީ ކައުންސިލަށް ހުށަހަޅުއްވާފައެވެ. މީގެ ތެރެއިން މައިގަނޑު މައްސަލަތަކުގެ ގޮތުގައި އެބޭފުޅާ ފާހަގަ ކުރެއްވީ ހޮސްޕިޓަލަށް ބޭނުންވާ އިކުއިޕްމަންޓްސް އާއި ސްޕެއަރ ހޯދުމުގައި ހުރި ދަތިތަކާއި، ބޭނުންވާ އަދަދަށް މުވައްޒަފުން ނުލިބުމާއި ހޮސްޕިޓަލުގެ އޮނިގަނޑު ރޭވިފައިވާ ގޮތް ރަނގަޅުނުވެމެވެ.

ޝާހް ވިދާޅުވިގޮތުގައި އިސީސީ އިމާރާތް އާ ހޮސްޕިޓަލުގެ ގޮތުގައި ތަރައްޤީކޮށް ހުޅުވުނު ކަމުގައިވިޔަސް މިމައްސަލަތަކަށް ހައްލެއް ނުލިބި އައްޑޫގެ ސިއްޙީ ހާލަތު ރަނގަޅުކުރުމަށް ދަތިވާނެ ކަމަށެވެ.

ޝާހް ފާހަގަ ކުރެއްވި މިމައްސަލަތަކާ ގުޅިގެން މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅު ގޮތުގައި އައްޑޫގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ދިމާވެފައިވާ ދަތިތައް ހެލްތު މިނިސްޓަރާ ހިއްސާކުރައްވާފައިވާ ކަމަށާއި މިއަދު ހުށަހެޅުނު މައްސަލަތައްވެސް މިނިސްޓަރާ ހަމައަށް ގެންދަވާނެ ކަމަށެވެ.

މޭޔަރ ވިދާޅުވިގޮތުގައި މިބައްދަލުވުމަކީ ހަމައެކަނި ނަމަކަށް ބާއްވާ ބައްދަލުވުމެއް ނޫން ކަމަށާއި އިރާދަ ކުރެއްވިއްޔާ ނަތީޖާ ނެރުމަށް ކައުންސިލުން ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމެށެވެ.

ހޮސްޕިޓަލުގެ ހާލަތު ރަނގަޅުކުރުމަށް ދެވެން އޮތް ހުރިހާ އެހީ ދެއްވާނެކަމުގެ ޔަގީންކަން ކައުންސިލުން މިއަދު ހޮސްޕިޓަލުގެ އިސްވެރިންނަށް ވަނީ ދެއްވާފައެވެ. މިގޮތުން ހޮސްޕިޓަލުގެ މަރާމާތައް ބޭނުންވާ ސާމާނު ހޯދައިދިނުމުގައިއާއި ހިންގުމުގައި ހުރި ދަތިތައް ހައްލުކުރުމުގައި ކައުންސިލުން އެހީ ދެއްވާނެ ކަމުގެ ޔަގީންކަން ކައުންސިލުން ވަނީ ދެއްވާފައެވެ.