އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނަލަފެހި އައްޑޫ ޕްރޮގްރާމުގެ ދަށުން 300 ގެއިން ހިލޭ ކުނި ނަގައިފި

14 މޭއި 2019     1 week ago


ނަލަފެހި އައްޑޫ ޕްރޮގްރާމުގެ ދަށުން 300 ގެއިން ހިލޭ ކުނި ނަގައިފި

އައްޑޫސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން ރޯދަމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ނަލަފެހި އައްޑޫ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 300 ގެއިން މުޅި ޖުމްލަ 26 ޓަނުގެ ކުނި ނަގައިފިއެވެ.

ރޯދަމަހާ ދިމާކޮށް ގޭގެއިން ބޭރުކުރެވޭ ކުނި ހިލޭ ނަގައިދިނުމުގެ މި ޕްރޮގްރާމުގައި 395 ގެއަކުން ނަންނޯޓު ކުރިއެވެ. އޭގެ ތެރެއިން މިހާތަނަށް 300 ގެއިން ހިލޭ ކުނި ނަގައިދެވިފައިވާއިރު ބާކީ ކުނި ނުނެގި ހުރީ 95 ގެއަކުންނެވެ. އެއީ ހިތަދޫގެ 50 ގެއާއި، މަރަދޫގެ 19 ގެއާއި، މަރަދޫފޭދޫގެ 20 ގެއާއި ފޭދޫގެ 6 ގެއަކެވެ. ހުޅުދޫ އަދި މީދޫއިން ނަންނޯޓު ކުރި ހުރިހާ ގެއަކުންވަނީ ކުނި ނަގައި ނިމިފައެވެ.

މިޕްރޮގްރާމުގެ ދަށުން ކުނި ނުނެގި ބާކީ މިހާރު ހުރި 95 ގެއިން ކުނި ނެގުމަށް ހަމަޖެހިފައިވަނީ 18 މޭ ވާ ހޮނިހިރު ދުވަހުއެވެ.

ކުނީގެ މައްސަލައަކީ އައްޑޫއަށް އަބަދުވެސް ބޮޑު މައްސަލައަކަށްވެފައި އާންމުންގެ ޝަކުވާ ގިނައިން ހުށަހެޅޭ ކަމަކަށްވުމާއެކު، ކުނީގެ މައްސަލަ ހައްލުކުރުމަށް ކައުންސިލާއި ވެމްކޯއިން ވަނީ މަސައްކަތް ފަށާފައެވެ. މިގޮތުން ނަލަފެހި އައްޑޫ ޕްރޮގްރާމުގެ ދަށުން ގޭގެއިން ހިލޭ ކުނި ނަގައިދިނުމުގެ އިތުރުން ރޯދަ ވީއްލާ ގަޑިއާ ދިމާކޮށް މިސްކިތްތަކުން އުފެދޭ ކުނި ނަގައިދިނުމުގެ މަސައްކަތްވެސް މިހާރު ވަނީ ފެށިފައެވެ.

ކުނި ނެގުމާއި ކުންޏާ ގުޅޭ ކަންކަމުގައި މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވަންޖެހޭ ނަންބަރަކީ 1666 އެވެ.