އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިންސާނުންނަށް ނުރައްކާތެރި ކެމިކަލް 'ޕޮލީކްލޮރިނޭޓެޑް ބައިފީނައިލްސް' އެކުލެވޭ ޓްރާންސްފޯމަރުތައް ނައްތާލުމަށް ޕްލޭނެއް އެކުލަވާލަނީ

30 މޭއި 2019     4 years ago


އިންސާނުންނަށް ނުރައްކާތެރި ކެމިކަލް 'ޕޮލީކްލޮރިނޭޓެޑް ބައިފީނައިލްސް' އެކުލެވޭ ޓްރާންސްފޯމަރުތައް ނައްތާލުމަށް ޕްލޭނެއް އެކުލަވާލަނީ

ތިމާވެއްޓަށާއި އިންސާނުންނަށް ނުރައްކާތެރި ކެމިކަލެއް ކަމަށްވާ 'ޕޮލީކްލޮރިނޭޓެޑް ބައިފީނައިލްސް (ޕީސީބީ)' އެކުލެވޭ ޓްރާންސްފޯމަރުތައް ނައްތާލުމަށްޓަކައި އެންވަޔަރަމެންޓް މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޔުނީޑޯ) ގުޅިގެން ނެޝަނަލް މެނޭޖްމެންޓް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރިޔަށް އެބަދެއެވެ.

މިޕްލޭން އެކުލަވާލުމުގައި ކައުންސިލާއެކު މަޝްވަރާކުރެއްވުމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން މިއަދު ވަޑައިގެންނެވި ޓީމުން މަޢުލޫމާތު ދެއްވި ގޮތުގައި، 1989 ވަނަ އަހަރުގެ ކުރިން ތައްޔާރުކޮށްފައިވާ ޓްރާންސްފޯމަރުތައް އައްޑޫއާއި ފުވައްމުލަކުގައި އެބަހުރި ކަމަށާއި އެތަކެތީގައި މިކެމިކަލް އެކުލެވޭ ކަމެށެވެ.

މިނިސްޓްރީގެ ޓީމުން ބުނި ގޮތުގައި ޕީސީބީ އެކުލެވޭކަމަށް ބެލެވޭ 6 ޓްރާންސްފޯމަރު އައްޑޫގައި އެބަހުރި ކަމަށާއި އޭގެ ތެރެއިން ބޭނުންކުރަނީ 3 ޓްރާސްފޯމަރުކަމަށެވެ. އަދި މިހާރު މިތައްޔާރު ކުރެވޭ ޕްލޭނުގެ ބޭނުމަކީ އެތަކެތި ރާއްޖެއިން ބޭރަށް ގެންގޮސް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ނައްތާލާނެ ގޮތުގެ ޕްލޭން އެކުލަވާލުން ކަމަށެވެ. އެހެންކަމުން އެތަކެތި ނަގައި ރީޕްލޭސް ކުރުމަށްޓަކައި ފެނަކާއާއިވެސް މިހާރު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ޕީސީބީ އަކީ ކެންސަރާއި އަދި ތަފާތު ނުރައްކާތެރި ބަލިތަކަށް ކުރިމަތިކުރުވާ އެއްޗެކެވެ. މިހާރު ދުނިޔޭގެ ޤައުމުތަކުގައި ޕީސީބީ ބޭނުންކުރުން ހުއްޓާލާފައިވީ ނަމަވެސް މިކެމިކަލަކީ އޭގެ އަސަރު ޒަމާންތަކަށް ދެމިގެންދާ އެއްޗެކެވެ.

ހުޅުހުޅުގައި ރިއްސާތީ ފަރުވާއަކަށް ބޭނުންކުރި

ކެންސަރަށް މަގުފަހިވާ ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ޕީސީބީ ހިމެނޭ ތެލަކީ ޓްރާންސްފޯމަރުތަކުގައި ކުރިން ބޭނުން ކުރަމުން އައި އެއްޗެކެވެ. މިތެލަކީ ޓްރާންސްފޯމަރު ތެލުގެ ނަމުގައި ބައެއް އާންމު ފަރާތްތަކުން ކުރިން ގައިގެ ހުޅުހުޅު ރިއްސާތީ ފަރުވާއަކަށްވެސް ބޭނުން ކުރި އެއްޗެކެވެ. މިހާރު ބޭނުން ކުރުން ވަރަށް ބޮޑަށް މަދުވެފައިވީ ނަމަވެސް އެފަދަ ކެމިކަލް ހުރި ނަމަ އެތަކެތި ވީހާވެސް އަވަހަކަށް ކައުންސިލާ ހަވާލު ކުރެއްވުމަކީ ކައުންސިލްގެ އިލްތިމާސެކެވެ.