އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޔުއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯލް ޓޯނަމަންޓް އައްޑޫގައި ބާއްވަނީ

17 ޖޫން 2019     2 months ago


ޔުއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯލް ޓޯނަމަންޓް އައްޑޫގައި ބާއްވަނީ

ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯލް ޓޯނަމަންޓުގެ ހޯސްޓް ސިޓީއަކަށް އައްޑޫސިޓީ ހަމަޖެހިއްޖެއެވެ.

އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ އަދި ޔޫއޭފާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ބައިނަލް އަޤުވާމީ މިމުބާރާތުގައި ރާއްޖޭގެ އިތުރުން ބޫޓާން، ސައުދީ އަރަބިޔާ އަދި ލަޓްވިޔާގެ ފަނަރަ އަހަރުން ދަށުގެ ޤައުމީ ޓީމުން ވާދަކުރެއެވެ.

މިމުބާރާތް އައްޑޫސިޓީގައި ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އިއްޔެ އައްޑޫސިޓީ ކައުންސިލާއި، އެފްއޭއެމް، ޔޫތު މިނިސްޓްރީ، ޕޮލިސް، އެމްއެންޑީއެފް، ،ޑަބްލިއުޑީސީ، އެމްޕީއެލް، އެޗްއާރުއެޗް އަދި އެމްޕީއެލްގެ އިސްވެރިން ވަނީ ބައްދަލުކޮށް މަޝްވަރާ ކުރައްވާފައެވެ.

މިބައްދަލުވުމުގައި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އިޙްސާން އަބްދުލް ޢަނީ މައުލޫމާތު ދެއްވި ގޮތުގައި ޖުލައި މަހުގެ 18 ވަނަ ދުވަހު މުބާރާތުގައި ވާދަ ކުރާ ޓީމުތަކުން އައްޑޫސިޓީއަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އިހްސާން ވިދާޅުވި ގޮތުގައި މިމުބާރާތުގެ ސަބަބުން އައްޑޫގައި ފުޓްބޯޅައަށް އޮންނަ ފޯރި އިތުރުވެ އައްޑޫއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ޒުވާން ކުޅުންތެރިންނަށް ވީހާވެސް ބޮޑަށް އިންޓަނޭޝަނަލް އެކްސްޕޯޝާ ދިނުން ކަމަށެވެ.

ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯލް ޓޯނަމަންޓް ކުރިއަށް ދާނީ ޖުލައި މަހުގެ 20 ވަނަ ދުވަހުން 29 ވަނަ ދުވަހާ ހަމައަށެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.