އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ޤުރުއާން މުބާރާތް 1440 މިއަދު ފަށައިފި

7 ޖުލައި 2019     4 years ago


އައްޑޫ ޤުރުއާން މުބާރާތް 1440 މިއަދު ފަށައިފި

ކައުންސިލުން އިންތިޒާމުކޮށްގެން އައްޑޫސިޓީގެ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ބާއްވާ ޤުރުއާން މުބާރާތް މިއަދު ފަށައިފިއެވެ.

މިމަހުގެ 7 ވަނަ ދުވަހުން 11 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މިމުބާރަތުގައި އައްޑޫސިޓީގެ 15 ސްކޫލަކުން 279 ދަރިވަރުން ވާދަކުރެއެވެ. 4 ދަންފަޅިއަކަށް ބަހާލައިގެން މިމުބާރާތް އިންތިޒާމުކޮށްފައިވާއިރު 5 އުމުރުފުރާއަކުން ދަރިވަރުން ކިޔެވުމަށްވަނީ ހަމަޖެހިފައެވެ. އެއީ 7 އަހަރާއި، 9 އަހަރާއި، 11 އަހަރާއި، 13 އަހަރާއި، 16 އަހަރާއި، 21 އަހަރުން ދަށުގެ އުމުރުފުރާތަކެވެ.

މިމުބާރާތަކީ ދަރިވަރުންގެ މެދުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ހަމަތަކާއެކު ރީއްޗަށް ޤުރުއާން ކިޔެވުމަށް ހިތްވަރުދިނުމުގެ މަޤްސަދުގައި ކައުންސިލުން ރާވައި އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ސިލްސިލާ މުބާރާތެކެވެ.

މިމުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅުވީ އައްޑޫއަކީ ޤުރުއާން އުނގެނި ހިތުދަސް ގިނަ ހާފިޒުން ތިބި ސިޓީއެއްކަމަށާއި ނަމަވެސް އަދިވެސް ރަމަޟާން މަހު ބޭރުން ހާފިޒުން ގެންނަން ޖެހޭކަމީ ޤުރުއާން އުނގެނުމަށް އިތުރު އަހައްމިއްޔަތު ކަމެއް ދޭންޖެހޭ ކަމެއްކަމުގެ ހެއްކެއް ކަމަށެވެ. އެހެންކަމުން ކައުންސިލުން އިސްނަގައި މިފަދަ މުބާރާތެއް އިންތިޒާމުކޮށް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު ބޭނުމަކީ ކުރިޔަށް އޮތް ޖީލަށް ޤުރުއާނުގެ އިލްމު ފޯރުކޮށްދީ ހުނަރުވެރި ކުދިންތަކެއް ބިނާ ކުރުން ކަމަށެވެ.

އައްޑޫ ޤުރުއާން މުބާރާތް 5 ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާއިރު މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ޝަރަފުއްދީން ސްކޫލުގައެވެ. މިއީ މިމުބާރާތް ބާއްވާ ދެވަނަ ފަހަރެވެ.