އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ޤުރުއާން މުބާރާތުގެ އެއްވަނަ ޢާއިޝަތު ލީޝް ހަމީދު ހޯދައިފި

12 ޖުލައި 2019     2 months ago


އައްޑޫ ޤުރުއާން މުބާރާތުގެ އެއްވަނަ ޢާއިޝަތު ލީޝް ހަމީދު ހޯދައިފި

އައްޑޫސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ބޭއްވެވި ޤުރުއާން މުބާރާތުގެ އެއްވަނަ ސ.އަތޮޅު މަދުރަސާގެ ދަރިވަރު، ޢާއިޝަތު ލީޝް ހަމީދު ހޯދައިފިއެވެ.

މިމަހުގެ 7 ވަނަ ދުވަހުން 11 ވަނަ ދުވަހާ ހަމައަށް ކުރިއަށްދިޔަ މިމުބާރާތުގައި އައްޑޫސިޓީގެ 15 ސްކޫލަކުން 279 ދަރިވަރުން ވާދަކޮށް އެކި އުމުރުފުރާތަކުން މުޅިއެކު 91 ކުދިން ވަނީ ވަނަތައް ހޯދައިފައެވެ.

ސިޓީ ފެންވަރުގައި ކައުންސިލުން ބޭއްވެވި މިމުބާރާތުގެ ދެވަނަ ހޯދާފައިވަނީ އައްޑޫހައިސްކޫލުގެ ދަރިވަރު މުރުޝިދުލް އަމީން އެވެ. އަދި މުބާރާތުގެ ތިން ވަނަ އަށް ހޮވުނު ދަރިވަރަކީ ހިތަދޫ ސްކޫލުގެ ދަރިވަރު އަޙްމަދު ދާނިޝް ޖިހާދެވެ. މުބާރާތުގައި ބައިވެރިވި 15 ސްކޫލުގެ ތެރެއިން އެއްވަނަ ސްކޫލަކަށް ހޮވިފައިވަނީ ހިރާ ސްކޫލެވެ. ދެވަނަ ހޯދާފައިވަނީ ސ.އަތޮޅު މަދުރަސާއެވެ.

މިމުބާރާތަކީ ދަރިވަރުންގެ މެދުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ހަމަތަކާއެކު ރީއްޗަށް ޤުރުއާން ކިޔެވުމަށް ހިތްވަރުދިނުމުގެ މަޤްސަދުގައި ކައުންސިލުން ރާވައި އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ ގޮތަށް ކުރިއަށް ގެންދާ ސިލްސިލާ މުބާރާތެކެވެ. މިއީ އެގޮތުން މިމުބާރާތް ބޭއްވި ދެވަނަ ފަހަރެވެ.

މިފަހަރުގެ މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ އަލްޤާރީ އަޙްމަދު ތައުފީޤުއާއި، އަލްޤާރީ އިބްރާހިމް ޒުހައިރު އަދި އަލްޤާރީ އިބްރާހިމް ޝިފާއުއެވެ.