އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓީއެފްޖީން މިފަހަރު އައްޑޫގައި ބާއްވާ ދުވުމުގައި ބޭރުގެ އާދަޔާ ޚިލާފު ދުވުންތެރިއެއް ބައިވެރިވަނީ

15 ޖުލައި 2019     4 years ago


ޓީއެފްޖީން މިފަހަރު އައްޑޫގައި ބާއްވާ ދުވުމުގައި ބޭރުގެ އާދަޔާ ޚިލާފު ދުވުންތެރިއެއް ބައިވެރިވަނީ

ޓީއެފްޖީން މިފަހަރު އައްޑޫގައި ބާއްވާ ކޮކާކޯލާ ރަން އިން އައްޑޫ 2019 ގައި ބޭރުގެ އާދަޔާ ޚިލާފު ދުވުންތެރިއެއް ބައިވެރިވާނެ ކަމަށް ޓީއެފްޖީން ބުނެފިއެވެ.

ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ޓީއެފްޖީން މައުލޫމާތު ދެއްވި ގޮތުގައި ކެނެޑާގެ ދުވުންތެރިއެއް ކަމަށްވާ މިކަލް ކެޕްރަލް މިފަހަރު ޓީއެފްޖީގެ ދުވުމުގައި ބައިވެރިވާނެ ކަމަށާއި އޭނާއަކީ ދުވާއިރު ބޯޅަތަކެއް އަތުން ޖަގަލް ކުރަމުން ދުވާ މީހެއް ކަމަށެވެ.

ޓީއެފްޖީން ބުނިގޮތުގައި މިއަހަރުގެ އޮކްޓޫބަރު މަހު އައްޑޫގައި ބާއްވާ ދުވުމުގައި 5 ބޯޅަ އަތުން ޖަގަލް ކުރަމުން 10 ކިލޯ މީޓަރު އެންމެ އަވަހަށް ދުވި މީހާގެ ރިކޯޑް ހޯދުމަށް މިކަލް މަސައްކަތް ކުރާނެ ކަމަށެވެ.

ހުއްޓި ހުރެގެންވެސް ޖަގަލް ކުރުމަކީ ގިނަ ބަޔަކަށް ފަސޭހަކަމެއް ނުވާއިރު ކެނެޑާގެ މިކަލް ކެޕްރަލް އަކީ ޖަގަލް ކުރަމުން ހާފް މެރެތަންއެއް 1 ގަޑި އިރާއި 20 މިނިޓް 40 ސިކުންތުން ނިންމައި ފުލް މެރަތަންއެއް 2 ގަޑި އިރާއި 50 މިނިޓް 12 ސިކުންތުން ނިންމައި ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދާފައިވާ އަދަޔާ ޚިލާފު ދުވުންތެރިއެކެވެ. ޖަގަލްނުކޮށް ދުވާ މީހުންނަށްވެސް މިހާ އަވަހަށް ފުލް މެރަތަން އަދި ހާފް މެރަތަން ނިންމުމަކީ ފަސޭހަކަމަކަށް ނުވެއެވެ.

ޓީއެފްޖީން ބުނި ގޮތުގައި މިފަހަރުގެ ދުވުމުގައި މިކަލްގެ ބައިވެރިވުމާއެކު ޓީއެފްޖީ ކޮކާކޯލާ ރަން އިން އައްޑޫ ތަފާތު ވާނެ ކަމަށެވެ.

ކޮކާކޯލާ ރަން އިން އައްޑޫ އޮންނާނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 4 އަދި 5 ވަނަ ދުވަހުއެވެ. މިދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން މިހާރު ވަނީ ހުޅުވާލެވިފައެވެ.

ރަޖިސްޓަރ ކުރެއްވުމަށް