އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރެކްރިއޭޝަން ކްލަބުން ދޭ އުމްރާ ދަތުރު މިފަހަރު ދެ މުވައްޒަފަކަށް

25 ޖުލައި 2019     4 years ago


ރެކްރިއޭޝަން ކްލަބުން ދޭ އުމްރާ ދަތުރު މިފަހަރު ދެ މުވައްޒަފަކަށް

އައްޑޫސިޓީ ކައުންސިލްގެ ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން ކްލަބުގެ މެމްބަރުންގެ މެދުގައި ނެގުނު ގުރުއަތުން މިއަހަރުގެ ޑިސެމްބަރު މަހު އޮންނަ އުމްރާ ދަތުރުގެ ނަސީބުވެރި ދެ ފަރާތަކަށް ޚަދީޖާ މޫސާ އަދި ނިއުމާ ހަސަން ހޮވިވަޑައިގެންފިއެވެ.

އަސްކޮއި ޙައްޖު ޢުމްރާ ގްރޫޕާއި ރެކްރިއޭޝަން ކްލަބް ގުޅިގެން މިއަހަރު ދޭ ޢުމްރާ ދަތުރުގެ ނަސީބުވެރި ފަރާތް ހޮވުމަށްޓަކައި މިއަދު ކައުންސިލްގެ އިދާރާގައި ބޭއްވުނު ރަސްމިއްޔާތުގައި މެމްބަރުންގެ މެދުގައި ގުރުއަތު ނަންގަވައިދެއްވީ މިދިޔަ އަހަރުގެ އުމްރާ ދަތުރުގެ ނަސީބުވެރި ފަރާތް ކަމަށްވާ މުޙައްމަދު އިބްރާހީމްއެވެ.

މިއަހަރުގެ އުމްރާ ދަތުރު ލިބިލައްވާ ފަރާތްތައް ހޮވާފައިވަނީ މިދިޔަ ދެ އަހަރުގެ ނަސީބުވެރި ދެ ފަރާތް ނުހިމަނައި ކްލަބުގެ 144 މެމްބަރުންގެ މެދުގައެވެ. މިދިޔަ އަހަރުތަކާ ޚިލާފަށް މިއަހަރު ކްލަބުން އުމްރާ ދަތުރު ދިނީ ދެފަރާތަކަށެވެ.

އައްޑޫސިޓީ ކައުންސިލް ވެލްފެއާ އެންޑް ރެކްރިއޭޝަން ކްލަބަކީ މުވައްޒަފުންނަށް އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ އިތުރުން، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤުސަދުގައި މިދިޔައަހަރުގެ ޖޫންމަހު ރަޖިސްޓްރީ ކުރެވިގެން ހިންގަމުންދާ ކްލަބެކެވެ. މުވައްޒަފުންގެ ކުރިއެރުމާއި އެކުވެރިކަން އާލާކުރުމަށް ގިނަކަންކަން ކްލަބުގެ ފަރާތުން ރާވަމުންދާއިރު، ކޮންމެ އަހަރަކުވެސް މަދުވެގެން އެއް މުވައްޒަފަކަށް އުމްރާ ދަތުރު ދިނުމަށް ކްލަބުގެ ހިންގާ ކޮމިޓީންވަނީ ނިންމާފައެވެ.