އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިކޮނޮމިކް މިނިސްޓަރ ކައުންސިލާ ބައްދަލުކުރައްވައިފި

1 އޯގަސްޓް 2019     4 years ago


އިކޮނޮމިކް މިނިސްޓަރ ކައުންސިލާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް މިއަދު އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

ކައުންސިލްގެ އިދާރާގައި މިއަދު ކުރިއަށްދިޔަ މިބައްދަލުވުމުގައި މިނިސްޓަރ ފައްޔާޟް އާއެކު އެސްޑީއެފްސީ އާއި ބީސީސީ އަދި އެފްޑީސީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވިގޮތުގައި މިދަތުރުފުޅަކީ އިކޮނޮމިކް މިނިސްޓްރީން ރާއްވަވާފައިވާ މަސައްކަތްތައް ކައުންސިލާ ހިއްސާކުރެއްވުމަށާއި މިނިސްޓްރީގެ މަސައްކަތްތައްތައް ލާމަރުކަޒީކުރުމަށް އިތުރަށް ކުރެވެން ހުރި ކަންކަން ބަލައި މަޝްވަރާ ކުރެއްވުމަށް އައްޑޫއަށް ކުރައްވާ ޒިޔާރަތެއް ކަމަށެވެ.

މނިސްޓަރ ވިދާޅުވިގޮތުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް އާބަން ސެންޓަރގެ ގޮތުގައި ރާއްޖޭގެ 4 ސަރަހައްދެއް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އައްޑޫސިޓީ ހިމެނޭ ކަމަށެވެ.

މިގޮތުން އައްޑޫ ޑިވެލޮޕްމަންޓް ޕްލޭނުގެ ދަށުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް 300 އާއި 500 މިލިއަށް ޑޮލަރު ވަރު އަރާނެކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ތެރެއިން މިހާރު ބައެއް މަޝްރޫޢުތައް ފެށުމަށް އެގްޒިމް ބޭންކުން ލޯން ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް ލަސްވަނީ ލޯން ހޯދުމުގައި ހުންނަ ޕްރޮސެސް ދިގުވުމުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެންގެ އިނިޝިއަލް ޓާގެޓަކީ 300 މިލިއަން ޑޮލަރު، އޭގެ ތެރެއިން 200 މިލިއަށް ޑޮލަރު އިންޑިއަން އެގްޒިމް ބޭންކުގެ އެލްއޯސީ ފެސިލިޓީގެ ތެރެއިން އަޅުގަނޑުމެންނަށް މިހާރު ވަނީ ކޮމިޓްވެ ނިމިފައި" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވިގޮތުގައި އައްޑޫގެ ލޯކަލް ޓޫރިޒަމް ތަރައްޤީ ކުރުމަށް އެސްއެމްއީ ބޭންކުން 80 މިލިއަން މިހާރު އައްޑޫއަށް އެލޮކޭޓް ކުރައްވާފައިވާ ކަމަށެވެ. އަދި ރަނގަޅަށް ކުރިއަށް ގެންދިވިއްޖެނަމަ އަހަރެއްގެ ތެރޭގައި 600 އެނދު އައްޑޫއަށް އިތުރުކުރެވޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. ހަމައެއާއެކު އައްޑޫގެ މާސްޓަރ ޕްލޭން ޑެވެލޮޕް ކުރުމަށް ކޮންސަލްޓެންޓުން ހޯދުމަށް އަންނަ ހަފްތާގައި އިޢުލާން ކުރެވިގެންދާނެ ކަމަށްވެސް މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އައްޑޫއަށް ކުރައްވާ ޒިޔާރަތުގައި ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019 ގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއެކްސްޕޯގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމުހޫރިއްޔާ މުޙައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.