ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙުމަދު ސަލީމް މިއަދު އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
ކައުންސިލްގެ އިދާރާގައި ބޭއްވުނު މިބައްދަލުވުމުގައި ސަލީމްގެ އިތުރުން ޔޫތު މނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޢަލީ ޒަކީ އަޙުމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި އައްޑޫސިޓީގެ ކްލަބް ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމާއި ކްލަބު ޖަމްޢިއްޔާތަކުގެ ރެޖިސްޓްރޭޝަން ފޯމުތައް ބަލައިގަތުމާއި އެކަންކަން ކުރިއަށް ގެންދިޔުމުގައި ކައުންސިލްގެ ދައުރު ފުޅާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. މީގެ އިތުރުން އިންޑިއަން އޯޝަން ގޭމްސް ރާއްޖޭގައި ބޭއްވުމުށް ނިންމިފައިވާތީ އެކަމަށް ކްލަބު ޖަމްޢިއްޔާތައް މިހާރުން ފެށިގެން ތައްޔާރުވުމަށްޓަކައި މަސައްކަތް ފެށުމާ ގުޅޭގޮތުންވެސް ވާހަކަ ދެކެވުނެވެ.
މިބައްދަލުވުމުގައި އިތުރަށް މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަނެއް ހެދުމުގެ ވާހަކަ ދެކެވުނެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙުމަދު ސަލީމް ވިދާޅުވިގޮތުގައި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ރީޖަނަލް ސްޕޯޓްސް އެސޯސިއޭޝަނެއް ހެދުމުގެ ވިސްނުން އެބަހުރި ކަމަށެވެ. މީގެ އިތުރުން ވަރަށް އަވަހަށް އައްޑޫގައި 'ހަފްތާރެސް' ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ސަލީމް ވިދާޅުވިއެވެ. ހަފްތާރެސް އަކީ ކޮންމެ ހަފްތާ ބަންދަކު ވީކް-އެންޑް މާކެޓެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވެވަޑައިގަންނަވާފައިވާ ވަޢުދުގެ ދަށުން ބާއްވަމުންދާ ހަރަކާތެކެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސް އައްޑޫސިޓީއަށް މިކުރައްވާ ދަތުރުގައި އައްޑޫގެ ކްލަބު ޖަމްޢިއްޔާތަކާއި ކުޅިވަރުގެ ދާއިރާގައި އުޅުއްވާ ބޭއްފުޅުންނާއެކު ބާއްވާ ބައްދަލުވުމެއް މިރޭ 20:30 ގައި ކައުންސިލްގެ އިދާރާގެ ހޯލުގައި އޮންނާނެއެވެ. އަދި މާދަމާ ރޭ ވެސް ހަމަ އެގަޑީގައި ހުޅުމީދޫ އަތޮޅު މަދުރަސާގައި އޮންނާނެއެވެ.