އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެޑިއުކޭޝަން މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީއާ މިއަދު ކައުންސިލުން ބައްދަލުކުރައްވައިފި

11 ސެޕްޓެމްބަރ 2019     4 years ago


އެޑިއުކޭޝަން މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީއާ މިއަދު ކައުންސިލުން ބައްދަލުކުރައްވައިފި

މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި މިނިސްޓްރީ އޮފް ޓޫރިޒަމާ މިއަދު ކައުންސިލުން ބައްދަލުކުރައްވައި އައްޑޫގެ ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ކައުންސިލުން މިވަގުތު މާލެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިދެމިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުންތަކުގައި މޭޔަރ ފިޔަވައި ހުރިހާ ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކައުންސިލުން މިއަދު ފުރަތަމަ ބައްދަލުކުރެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއެކުއެވެ. މިބައްދަލުވުމުގައި އައްޑޫގައި ފޭސް އިން ފޭސް އައުޓް ކުރުމަށް މިނިސްޓްރީން ރާއްވަވާފައިވާ ސްކޫލްތަކާއި އެކަންކުރުމަށް މިނިސްޓްރީން މިހާރު ނިންމަވާފައިވާ ގޮތް ކައުންސިލުން ވަނީ އޮޅުން ފިލުއްވާފައެވެ. އަދި އެކަމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހުރިގޮތްވެސް ކައުންސިލުން މިނިސްޓްރީއާ ހިއްސާކުރެއްވިއެވެ. އެއާއެކު މިނިސްޓްރީން ގެންނަވާ ބަދަލުތަކާއެކު މިހާރުގެ ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ސްކޫލްތަށް ގެންދެވޭނެ ގޮތަށް ކަންކަން ނިންމަވައި ދެއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މިވާހަކަތަކާ ގުޅިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މަޢުލޫމާތު ދެއްވިގޮތުގައި އައްޑޫގެ ސްކޫލްތަކުގެ ތެރެއިން ހުޅުދޫ ސްކޫލާއި މީދޫ ޝަމްސުއްދީން ސްކޫލް ފޭސް އިން ފޭސް އައުޓްކުރުމަށް މިނިސްޓްރީން ނިންމަވާފައިވާ ގޮތާއެއްގޮތަށް މަސައްކަތް ކުރިއަށް ދާނެ ކަމަށާއި މިހާރު އަތޮޅު މަދުރަސާގައި 6 ކުލާސްރޫމް ހިމެނޭ ގޮތަށް ދެބުރީގެ އިމާރާތެއް އެޅުމަށް ނިންމައި ޓެންޑާބޯޑަށް ފޮނުއްވާފައިވާ ކަމަށެވެ. މަރަދޫފޭދޫ ސްކޫލް އަދި އިރުޝާދިއްޔާ ސްކޫލަށް ގެންނަ ބަދަލާ ގުޅެގޮތުން ކަންބޮޑުވުންތަކެއް ހުރުމުން އިތުރަށް މަޝްވަރާކުރުމަށް މިހާރު ނިންމަވާފައިވާކަމަށްވެސް މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ.

މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި މިބަދަލުތަކާއެކު ފޭސް އިންވާ ސްކޫލްތަށް ރަނގަޅު ވަޞިލަތްތަކާއެކު ތަރައްޤީކޮށް ފޭސް އައުޓްވާ ސްކޫލްތަށް ޖޫނިޔަރ ކޮލެޖްތަކުގެ ގޮތުގައި ހިންގުމަށް ވަނީ ނިންމަވާފައެވެ.

 

މިނިސްޓްރީ އޮފް ޓޫރިޒަމާ ބައްދަލުކުރެއްވުން

 

ކައުންސިލުން މިއަދު މިނިސްޓްރީ އޮފް ޓޫރިޒަމާއެކު ބޭއްވި ބައްދަލުވުމުގައި އައްޑޫގެ ޓޫރިޒަމްފުޅާކޮށް ކުރިއެރުވުމަށް ރާއްވަވާފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން ހަންކެޑެ ސަރަހައްދު އިންޓަގްރޭޓެޑް ޓޫރިޒަމް ސަރަހައްދެއްގައި ތަރައްޤީކުރުމާއި ގެސްޓްހައުސް ވިޔަފާރިއަށް ބިން ދޫކޮށް އާންމުންނަށް ހުޅުވާލުމާއި އެތެރޭގެ އުދުހުންތަކުގެ އަގުތައް ފަތުރުވެރިންނަށް ކުޑަކޮށްދިނުމަށް މަސައްކަތްކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިގޮތުގައި އައްޑޫގެ ޓުރިޒަމް ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމާށާއި އެކަންކަމުގެ އަމަލީ މަސައްކަތް ފެށުމުގެ އުފާވެރި ޚަބަރު ވަރަށް އަވަހަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި ރިސޯޓްތަށް ހިންގުމުގައި ޕޮލިސީ ލެވެލްގައި ގެންނަންޖެހޭ ބައެއް ބަދަލުތަށް އެބަހުރި ކަމަށް ގަބޫލުފުޅުކުރެއްވޭ ކަމަށާއި އެބަދަލުތަކުގެ ސަބަބުން އައްޑޫގައި ރިސޯޓްތައް ހިންގުމަށް ލުޔެއް ލިބިގެންދާނެކަމަށެވެ. އެއާއެކު އަންނަ މޭ މަހާ ހިސާބަށް ރިސޯޓް މުވައްޒަފުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ނިންމޭވަރު ވާނެ ކަމަށާއި އޭގެ ސަބަބުން ރަނގަޅު ބަދަލުތަކެއް ގެނެވޭނެ ކަމަށާއި، ހާއްސަކޮށް ދިވެހި މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެންނަން ފަސޭހަވާނެ ކަމަށެވެ.