އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފިނޭންސް، ޕްލޭނިންގ އަދި ޑިފެންސް މިނިސްޓަރާ ކައުންސިލުން ބައްދަލުކުރައްވައިފި

12 ސެޕްޓެމްބަރ 2019     1 month ago


ފިނޭންސް، ޕްލޭނިންގ އަދި ޑިފެންސް މިނިސްޓަރާ ކައުންސިލުން ބައްދަލުކުރައްވައިފި

ކައުންސިލުން މިވަގުތު މާލޭއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރާއި، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް އަދި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އައްޑޫގެ ތަރައްޤީއާއި ގުޅޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކައުންސިލުން މިނިސްޓަރުންގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އާއެވެ. މިބައްދަލުވުމުގައި ކައުންސިލަށް މިވަގުތު ދިމާވެފައިވާ ދަތިތަކާއި، ތަރައްޤީގެ ޕްރޮޖެކްޓްތައް ހިންގުމުގައި ބަޖެޓުގެ ދަތިތަކުގެ ވާހަކަ ކައުންސިލުން ވަނީ މިނިސްޓަރުގެ އަރިހުގައި ދަންނަވާފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރ އަމީރު ވަނީ ކައުންސިލަށް ދިމާވެފައިވާ ބަޖެޓުގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ދަންނަވާފައެވެ. ހަމައެއާއެކު ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހްގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ޕްރޮޖެކްޓުތަކުގެ ތެރެއިން ބިން ހިއްކުމާއި، މަގުތައް މަރާމާތު ކުރުމާއި، 25 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ފެށުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕްލޭނިންގ މިނިސްޓަރ އާއެކު ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ މުޙައްމަދު އަސްލަމްވެސް ވަނީ އައްޑޫގައި ހިންގާ މިޕްރޮޖެކްޓްތައް ވަރަށް އަވަހަށް ފެށޭނަކަމަށް ވިދާޅުވެފައެވެ. އެއާއެކު އައްޑޫގެ ޕަބްލިކް ވޯކްސް މުވައްޒަފުންގެ ތެރެއިން ކޮންޓްރެކްޓް ހަމަވެގެން ވަޒީފާ ގެއްލޭ މުވައްޒަފުންނާ ގުޅޭގޮތުން ކައުންސިލުން ފާޅުކުރެއްވި ކަންބޮޑުވުމާގުޅިގެން މިނިސްޓަރ ވިދާޅުވީ އެކަމަށް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ކައުންސިލުން މިއަދު ބޭއްވި ފަހު ބައްދަލުވުން އޮތީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއާއެކުއެވެ. މިބައްދަލުވުމުގައި ކާރިސާތައް ދިމާވާ ހާލަތުގައި ގެންގުޅޭނެ ޑިޒާސްޓަރ މެނޭޖެމްމަންޓް ޕްލޭނާއި އެފަދަ ހާލަތްތަކުގައި ބޭނުންކުރާ ވަސީލަތްތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުންތަކުގައި ކައުންސިލްގެ ހުރިހާ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.