މަރަދޫގައި މަދިރި މަދުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ހިންގުމުގެ ހަރަކާތެއް އަވަށުއޮފީހުން އިސްނަގައިގެން ކުރިއަށް ގެންދަން ރޭވިފައިވާ ކަމަށް ކައުންސިލަރ ފައިސަލް އިބްރާހީމް ވިދާޅުވެއްޖެއެވެ. ކައުންސިލަރ ފައިސަލް ވިދާޅުވީ، މި ޕްރޮގްރާމް ފެށުމަށް ނިންމާފައިވަނީ މިހާރު އައްޑުއަށް ކުރަމުންދާ ވިއްސާރަ ރަނގަޅުވުމުންނެވެ. ފައިސަލް ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން މަދިރި ދުން ޖެހުމާއި މަދިރި އާލާވާތަންތަނަށް ބޭސް ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމުގައެވެ.
އެނގިވަޑައިގަންނަވާނެފަދައިން މިދިޔަ އޭޕްރީލް މަހު މަރަދޫ އަވަށް ސާފުކުރުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މަރަދޫ އަވަށު އޮފީހުގެ އިސްނެގުމާއެކު އެއަވަށުގެ އެކި ސަރަހައްދުތަކުގައި އުފެދިފައިވާ ކުނިތައް ނަގައި ސާފުކޮށް، ޑެންގީ ފަދަ ބަލިތައް ފަތުރާ މަދިރި އާލާވާތަންތަން ނައްތައި ރަށުތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތް އެ ހަރަކާތުގައި ވަނީ ކުރިއަށް ގެންދަވާފައެވެ.
އައްޑުއަށް ފަތުރުވެރިކަން ފުޅާކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު، މަދިރި އުފެދޭ ތަންތަން ނައްތާލުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ގެސްޓް ހައުސްގެ ވިޔަފާރި ހިންގާ ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ.