އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތަކުގެ ލޭންޑްސްކޭޕިންގގެ މަސައްކަތް ތިން ކުންފުންޏަކާ ހަވާލުކޮށްފި

10 އޯގަސްޓް 2020     3 months ago


އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތަކުގެ ލޭންޑްސްކޭޕިންގގެ މަސައްކަތް ތިން ކުންފުންޏަކާ ހަވާލުކޮށްފި

އައްޑޫ ސިޓީގައި އީކޯ ޓޫރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ފަސް ސަރަޙައްދުގެ ލޭންޑްސްކޭޕިންގގެ މަސައްކަތް ނިންމުމަށް ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައި ވަނީ މިކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި މިއަދު ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފަރާތުން ފޮރިން ސެކްރެޓަރީ، ޢަބްދުލްޣަފޫރު މުޙައްމަދު އަދި އިންޑިއަން ހައި ކޮމިޝަނަރ، ޝްރީ ސަންޖޭ ސުދީރުވެސް ވަނީ އޮންލައިންކޮށް ބައިވެރިވެވަޑައިގެންފަ އެވެ.

އެގޮތުން އައްޑޫ ސިޓީ ހިތަދޫ ޓޫރިޒަމް ޒޯން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ލޭންޑްސްކޭޕިންގ މަސައްކަތް ހަވާލުކުރައްވާފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތަށް ޖުމްލަ 6،973،742.63 ދިވެހި ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައިވާ، މި މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސައިޓު އިންޖިނިއަރ، މަނިވަނަން ދޭވާރާޖަން އެވެ.

އަދި މަރަދޫ އާއި ފޭދޫ ޓޫރިޒަމް ޒޯންގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އައިރިން އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާއެވެ. މަރަދޫ ޓޫރިޒަމް ޒޯންގެ ލޭންޑްސްކޭޕިންގ 70 ދުވަހުގެ ތެރޭގައި ނިންމައި، އެ މަޝްރޫޢަށް 3،900،000.00 ދިވެހި ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާއިރު، ފޭދޫ ޓޫރިޒަމް ޒޯންގެ ލޭންޑްސްކޭޕިންގ 60 ދުވަހުގެ ތެރޭގައި ނިންމައި، އެ މަޝްރޫޢަށް 5،618،000.00 ދިވެހި ރުފިޔާ ޚަރަދުވާނެއެވެ. މި އެއްބަސްވުންތަކުގައި އައިރިން އެންޓަޕްރައިޒަސްގެ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރ، ހަސަން ނަސީރު އެވެ.

މީގެ އިތުރުން ހުޅުދޫ އާއި މީދޫގެ ޓޫރިޒަމް ޒޯންތައް ލޭންޑްސްކޭޕް ކުރުމުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައި ވަނީ ނޫރައްދީން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ކަމަށްވާއިރު، ހުޅުދޫ ޓޫރިޒަމް ޒޯން ލޭންޑްސްކޭޕް ކުރުމަށް 3،706،841.20 ދިވެހި ރުފިޔާ ޚަރަދުވާނެއެވެ. އަދި މީދޫ ޓޫރިޒަމް ޒޯންގެ ލޭންޑްސްކޭޕިންގ އަށް 3،513،464.34 ދިވެހި ރުފިޔާ ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި އެއްބަސްވުންތަކުގައި ނޫރައްދީން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަލީ ނޫރައްދީން އެވެ.

އައްޑޫ ސިޓީގައި ގެސްޓްހައުސް އާއި ސިޓީ ހޮޓެލް ވިޔަފާރި ތަރައްޤީކުރުމަށް ޓޫރިޒަމް ޒޯންތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަސް ސަރަޙައްދަކީ ހިތަދޫ ފަޅޯ ދަނޑިފަންނު ޓޫރިޒަމް ޒޯން އާއި، މަރަދޫ ވެންބޮޅަފިށި އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯން އާއި، ފޭދޫ ދިގިހެރަ އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯންގެ އިތުރުން ހުޅުދޫ މާފިށި އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯން އަދި މީދޫ މުލިމަތި އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯން އެވެ.

ރާއްޖޭގެ ފުންނާބު އުސް ޑިޒައިނަރުންގެ އެހީއާއި އެކު ފަތުރުވެރިކަން ކުރިއެރުވުމަށް ކަނޑައެޅުނު ޒޯންތަކުގެ ކޮންސެޕްޓް ޑިޒައިން 2019 ވަނަ އަހަރު ތެރޭގައި ނިންމައި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ އެއްބާރުލުމާއެކު ޓޫރިޒަމް ޒޯންތަކުގެ ގޮތުގައި ދޫކުރެވޭ ބިންތައް ދޫކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. ވީހާވެސް އަވަހަކަށް އައްޑޫގައި ފަތުރުވެރިކަން ފެށުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމާއި، ކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ހުއްޓުމެއްނެތި ނުހަނު ބުރަ މަސައްކަތްތަކެއް ކުރަމުން ގޮސްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން   ޓޫރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ޒޯންތަކުގެ މަގުތައް ހަދައި ލޭންޑްސްކޭޕްކޮށް ކަރަންޓާއި ފެނާއި އެހެނިހެން ޔުޓިލިޓީ ސަރވިސްތައް ފޯރުކޮށްދޭ ނިޒާމު ޤާއިމުކޮށް އެ ޒޯންތަކުގެ މަގު ބައްތި ޖެހުމުގެ އިތުރުން ބީޗް ހެދުމުގެ މަސައްކަތް ކުރެވޭނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މޭޔަރ ދެއްކެވި ވާހަކަފުޅުގައި ފަތުރުވެރިކަމަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޒުވާނުން ވަޒީފާ އަދާކުރާ އިންޑަސްޓްރީ ކަމަށާއި އައްޑޫ ސިޓީގެ ޒުވާނުންނަށް މި ދާއިރާއިން ވަޒީފާގެ ފުރުސަތުތަކާއި ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުމަށް ސިޓީ ކައުންސިލުން ނުހަނު ބޮޑަށް ބޭނުންވާކަމުގައި ވިދާޅުވެފައިވެއެވެ.

ކޮމިޔުނިޓީ ބޭސްޑް އިކޯ ޓޫރިޒަމް ކުރިއެރުވުގެ މަޤުސަދުގައި ސަރުކާރުން ފަށާފައިވާ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީ ހުރިހާ އަވަށެއްގައި ފަތުރުވެރިކަމަށް ފުރުސަތު ހުޅުވިގެންދާ މި މަޝްރޫޢުތަކަކީ ނުހަނު ބޭނުންތެރި އަގުހުރި ނަފާ ލިބިގެންދާނެ މަޝްރޫޢުތަކަކަށް ވާނެކަން މޭޔަރ ފާހަގަކުރެއްވިއެވެ. އަދި ފަތުރުވެރިކަމަށް އަލަށް ވަންނަ ފަރާތްތަކަށް ވެސް ޓޫރިޒަމަށް ދޫކުރާ ޕްލޮޓްތައް ނެގުމަށްފަހު އަމިއްލަ ވިޔަފާރި ފެށުމުގެ ފުރުސަތު ލިބި އިޤުތިސާދީ މަންފާތަކެއް ހޯދޭނެ ކަމުގައިވެސް މޭޔަރ ވިދާޅުވިއެވެ.  

މީގެ އިތުރުންވެސް އިންޑިއަން އެގްޒިމް ބޭންކްގެ އެހީތެރިކަމާއިއެކު އައްޑޫ ސިޓީގެ މަގުތައް ހެދުމާއި ބިން ހިއްކުން ކުރިއަށް ރޭވިފައިވުމުން އެކަމުގެ އަމަލީ މަސައްކަތް އަވަސްވެގެން ދިޔުމަކީ ކައުންސިލް އަދި އައްޑޫ ސިޓީގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއްކަން މޭޔަރގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.  

އައްޑޫ ސިޓީ ގައި އިކޯ ޓޫރިޒަމް ތަރައްޤީކުރުމަށް އިންޑިޔާ ސަރުކާރުން އެހީ ދިނުމަށް ނިންމައި، ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ 2019 މާރިޗު 17 ގައެވެ. މިއީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.