އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ތާރު އަދި މެޝިނަރީތައް ގެނެސްފި

24 ސެޕްޓެމްބަރ 2020     1 month ago


އައްޑޫ ސިޓީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ތާރު އަދި މެޝިނަރީތައް ގެނެސްފި

އައްޑޫ ސިޓީގެ މަގުތައް ތާރު އަޅައިގެން ހެދުމަށް ބޭނުންވާ ތާރު އަދި އިތުރު މެޝިނަރީތަކާއި ސާމާނު މިއަދު އައްޑޫ ސިޓީއަށް ގެނެސްފިއެވެ.

ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ 18 މަގެއްގައި އަލަށް ތާރު އެޅުމަށް ހަމަޖެހިފައިވާއިރު، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑުމަގުގެ އިތުރުން ފޭދޫ ރަށްދެބައި މަގު ރީސަރފޭސް ކުރުމަށްވެސް ހަމެޖިފައިވެއެވެ. މި މަޝްރޫޢު ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 23 ޑިސެންބަރު 2019 ގައެވެ.

މި އެއްބަސްވުމާއިއެކު މަޝްރޫޢު ފެށުމަށް ބޭނުންވާ ކަންކަން ފެށިގެން ކުރިއަށް ގޮސްފައިވެއެވެ. މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް، އައްޑޫ ސިޓީ ކައުންސިލުން ކަމާ ގުޅޭ ފަރާތްތަކާއެކު މަޝްވަރާގެ ބައްދަލުވުންތައް ބާއްވައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގޮ ގޮތުން 30 ޖެނުއަރީ 2020 ވަނަ ދުވަހު ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ފުރަތަމަ ޝިޕްމަންޓް އައްޑޫ ސިޓީ އަށް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

134 މިލިއަން ރުފިޔާ އަށްވުރެ ގިނަ ދިވެހި ފައިސާ ޚަރަދުކޮށްގެން މިއަދުގެ ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން އައްޑޫ ސިޓީގެ  މަގުތަކުގެ ހާލަތު ގޯސްވުމުގެ ސަބަބުން ކުރިމަތިވަމުން ދިޔަ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި މަގު ހެދުމުގެ ދެވަނަ މަޝްރޫޢެއްވެސް އެކު އެކީގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން 12 ޑިސެންބަރު 2019 ގައި އައްޑޫ ސިޓީގެ 25 ކިލޯމީޓަރުގެ މަގު ހެދުމާއި 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތުގެ ޑިޒައިން  އަދި ކޮންސްޓްރަކްޝަން ކޮންސަލްޓެންސީ، އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ ލިމިޓެޑާއި، އެލް އީއޭ އެސޯސިއޭޓްސް ސައުތު އޭޝިއާ ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައިވާއިރު، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މައުލޫމާތު ދެއްވާފައިވެއެވެ.

މި މަޝްރޫޢުގެ ތެރޭގައި ހިތަދޫ އަވަށުން 90 ހެކްޓަރުގެ ބިމަކާއި މަރަދޫ އަދި މަރަދޫފޭދޫ އިން 75 ހެކްޓަރު އަދި ހުޅުދޫ އާއި މީދޫން 38 ހެކްޓަރުގެ އިތުރުން 25 ހެކްޓަރުގެ ބިން ރިސޯޓް ތަރައްޤީ ކުރުމަށް ހިއްކުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ މަގެއްގެ ފެން ހިންދާ ނިޒާމް ޤާއިމުކުރެވޭއިރު، މަގު ބައްތި ޖެހުމުގެ މަސައްކަތާއެކު ސީސީޓީވީ ސިސްޓަމް ޤާއިމުކުރެވިގެންދާނެއެވެ.